ހައްޖުވެރިންނާއި އުމްރާވެރިން އަޅުކަމަށްފަހު އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ރޯގާ ޖެހި ބަލީގައި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހުގެ އުމްރާ ދަތުރަށްފަހު އުމްރާވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވާ މި ދުވަސްވަރާއި ދިމާކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައިވަނީ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ ޑޮކްޓަރަށް ދައްކާއިރު ހައްޖަށް ނުވަތަ އުމްރާއަށް ގޮސް އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ޑޮކްޓަރަށް ދޭންވާނެކަމަށެވެ.

އެޗްޕީއޭއިންވަނީ ހައްޖުގެ ނުވަތަ އުމްރާގެ އަޅުކަމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށްވެސް ނަސޭހަތްތެރިވެފައެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު، އުމްރާގެ އަޅުކަމަށް މުޅި އަހަރު ދުވަސް ހުޅުވާލާފައި އޮންނައިރު، އުމްރާގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަމީހުން ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރަނީ ރޯދަމަހުގެ ތެރޭގައެވެ. ރޯދަމަސް އަބަދުވެސް ވެގެންދަނީ އުމްރާގެ އަޅުކަމަށް އަންނަ މީހުންގެ އަދަދު އެންމެ މައްޗަށް އަރައިގެންދާ ދުވަސްވަރަށެވެ.

ރާއްޖޭބް 14އަށް ވުރެ ގިނަ ކުންފުނިތަކުން 2000އަށް ވުރެ މީހުން މިއަހަރުގެ ރަމަޟާންމަހުގެ އުމްރާ ދަތުރަށް ދިޔައިރު ރަމަޟާންމަހުގެ ފަހު ދިހައިގެ އުމްރާ ދަތުރުތަކަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވެއެވެ. އުމްރާވެރިން މިހާރު އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމްރާވެރިން ރާއްޖެ އައުމަށްވަނީ ހަމަޖެހިފައެވެ.

ހައްޖުވެރިންނާއި އުމްރާވެރިން އަޅުކަމަށްފަހު އެނބުރި އައިސް ރޯގާޖެހި ބޮޑުވަރުވާނަމަ ޑަކްޓަރަށް ދައްކަން އެޗްޕީއޭއިން އިލްތިމާސްކުރިއިރު ރާއްޖޭގައި ރޯގާ ގިނަވެ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.