އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ޙަވާލުގައި މިއަހަރު ރަމަޟާންމަހު ޢުމްރާއަށް ދިޔަ 207 ޢުމްރާވެރިންގެ މިއަދުން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މަޝްޢަރު ގުރޫޕުގެ ހަވާލުގައި އުމްރާއަށްދިޔަ އުމްރާވެރިންނަށް ރާއްޖެ ނާދެވި ކަންބޮޑުވުން ފާޅުކުރަންފެށީ އެމީހުން ސައުދީއަށް ގެންދިއުމަށްޓަކައި މެދުވެރިކުރި ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ދެ ޗެކެއް ބައުންސްވުމާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުން އެ ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަން ފުރިހަމަކުރި 138 މީހަކު މިއަދާއި މާދަމާ ސަލާމް އެއާލައިނުން ގެނައުމަށް ހަމަޖެހިފައިވާއިރު މިމަހުގެ 28 އަދި 29ވަނަ ދުވަހު 69 އުމްރާވެރިން ސައުދީ އެއާލައިނުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ރަމަޟާންމަހުގެ އުމްރާ ދަތުރަށް ގެންދިއުމުގައި ކުންފުނިތަކުން ބޮޑެތި މައްސަލަތަކެއް ފާހަގަވެފައިވާއިރު އައްޞަފާ ހައްޖު އުމްރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ތައްޔާރުވެގެން ތިބި މީހުންނަށް އުމްރާއަށް ދިއުމަށް ވިސާ ނުލިބި ފުރުންވަނީ ލަސްވެގެން ގޮސްފައެވެ.

ހައްޖާއި އުމްރާ ގެ އަޅުކަމަށް ގެންދާ ކުންފުނިތަކުން މިފަދަ ގޮތަކަށް ކަންތައްކުރަމުން އަންނާތީ ގިނަ ދީނީ އިލްމުވެރިންނާއި އާއްމުންވެސް އަންނަނީ ނުރުހުން ފާޅުކޮށް މި ފަދަ ކަންތައްތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލެހެއްޓިގެން ކުރިއަށް ގެންދިއުމަށް ގޮވާލަމުންނެވެ.