ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، ބަލިން ރައްކާތެރިވުމަށް އަނެއްކާވެސް މާސްކު އަޅަންޖެހިދާނެކަމުގެ ނުސީދާ އިންޒާރެއް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.
އެޗްޕީއޭއިން ވަނީ އެ އޭޖެންސީގެ ވައިބާ ކޮމިއުނިޓީ ގުރޫޕަށް، މާސްކު އެޅުމުގެ މުހިންމުކަމާއި، ކޮވިޑް ފެތުރުން ހުއްޓުވުމަށް މާސްކު އެޅުމުގެ މުހިންމުކަން ކިޔައިދޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ވީޑިއޯއާއެކު، ރަނގަޅަށް މާސްކު އެޅުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން، މާސްކު އަޅާއިރު، ދަތްދޮޅީގައި އަދި ނިއްކުރީގައި މާސްކު ނޭޅުމަށާއި، މުޅި ދުވަހު އެންމެ މާސްކެއް ބޭނުންނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ކުޅު ހޭކިފައިވާ މާސްކެއްނަމަ އެ މާސްކު ދެން ބޭނުންނުކުރުމަށާއި، މާސްކު އަޅައިގެން ހުންނައިރު މާސްކުގައި އަތްނުލުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން، ވީހާ ވެސް ގިނައިން ފެނާއި ސައިބޯނި ބޭނުންކޮށްގެން އަތް ދޮވުމަށް އެޗްޕީއޭއިން އާންމުކުރި "އެވެއާނަސް ވީޑިއޯ"ގައި އެދިފައިވެއެވެ.
އަލުން މާސްކު އަޅައިގެން އުޅެންޖެހިދާނެކަމުގެ ނުސީދާ އިންޒާރެއް އެޗްޕީއޭއިން ދީފައިވާއިރު، ރާއްޖޭގައި ހަފްތާއެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް ބޮޑުތަނުން އިތުރުވަމުން އަންނަތާ ދުވަސްތަކެއް މިވަނީ ވެފައެވެ.
އެގޮތުން މިދިޔަ ހަފްތާގައި ރާއްޖޭން 199 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ހަފްތާއެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންނެވެ. މިދިޔަ ހަފްތާގައި މާލެއިން އެކަނިވެސް 137 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ކޮވިޑް ކޭސްތަކުގެ އަދަދު މައްޗަށްދާން ފަށާފައިމިވަނީ މި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށެވެ. ކޭސްތަކުގެ އަދަދުތައް ރާއްޖޭގައި ދަށަށްދާން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅުން ފަށައިގެންނެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވަނީ، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން މީގެ ތިން އަހަރު ކުރިން ފެށިގެން ދަންމަމުން އައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، މިދިޔަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އުވާލުމާ ގުޅިގެންނެވެ.