މެލޭޝިޔާގެ ސްކޫލް ކުދިން މާސްކް އަޅަން މަޖުބޫރުކުރުމާމެދު ފުންކޮށް ވިސްނަމުންދާ ކަމަށް، މެލޭޝިޔާ ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެންބުނީ، މެލޭޝިޔާގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓަރ ޑރ. ޒާލިހާ މުސްތަފާ މިއަދު ވިދާޅުވީ، މެއިމަހުގެ 2 ވަނަ ދުވަހު ސްކޫލްތައް ހުޅުވޭއިރު، ކިޔާކުދިން ސްކޫލަށް ދާއިރު އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ފަދްލީނާ ސިދެކްއާ މި ހަފްތާގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެގޮތުން، ޚާއްސަކޮށް ސްކޫލްތަކުގައި ކޮވިޑް ފެތުރުން ހުއްޓުވަން، މާސްކް އަޅަން މަޖުބޫރުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ޒާލިހާ ވިދާޅުވީ، ސްކޫލްތަކުގައި މާސްކް އެޅުމާ ގުޅޭ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ)، ސްކޫލްތައް ހުޅުވުމުގެ ކުރިން ނެރުއްވާނެ ކަމަށެވެ.

"ކޮވިޑް ފެތުރުން ކޮންޓްރޯލްކުރަން ސްކޫލްތަކުގައި އަޅާނެ ރައްކާތެރި ފިޔަވަޅުތަކާ ގުޅޭ އެސްއޯޕީ، ދަރިވަރުން ސްކޫލަށް ދިއުމުގެކުރިން އާންމު ކުރާނަން"
ޑރ. ޒާލިހާ މުސްތަފާ

ޑރ. ޒާލިހާ ވިދާޅުވީ، ޗުއްޓީއަށްފަހު ދަރިވަރުން ސްކޫލަށް ނުކުތުމުން، ދަރިވަރުންގެ މެދުގައި އަނެއްކާވެސް ކޮވިޑް ފެތުރިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޮތުމުން، ރައްކާތެރި ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

މެލޭޝިޔާއިން މިހާރު ވަނީ، އޮމިކްރޯންގެ ސަބް ވޭރިއެންޓެއް ކަމަށްވާ އާރކްޗިއުރަސް ވޭރިއެންޓުގެ 12 ކޭސް ފެނިފައެވެ.

މިއީ، ކުރިން ފެނިފައިވާ ސަބް ވޭރިއެންޓްތަކަށްވުރެ އެތައްގުނަ ހަލުވި މިނުގައި މީހުންގެ މެދުގައި ކޮވިޑް ފަތުރާ ވޭރިއެންޓެއް ކަމަށް ޔުނިވަރސިޓީ އޮގް ޓޯކިޔޯއިން ހެދި ދިރާސާއަކުން ހާމަވެފައި ވެއެވެ.

ކޮވިޑް ފެތުރުން ހުއްޓުވަން އުފައްދާފައިވާ ގިނަ އެންޓިބޮޑީސްއަށް މި ވޭރިއެންޓް ނުގުޑާ ކަމަށްވެސް އެ ދިރާސާއިން ހާމަވެފައި ވެއެވެ.

މެލޭޝިޔާ ސަރުކާރުން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 30.4 އިންސައްތަ މަތިވެފައި ވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި 14،161 މީހުން އެބަތިއްބެވެ.

ސްކޫލްތައް ހުޅުވޭއިރު، ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ދިއުން މަޖުބޫރު ކުރުމާމެދު ސަރުކާރުން ވިސްނަމުންދާއިރު، މެލޭޝިއަން މެޑިކަލް އެސޯސިއޭޝަނުން އެކަމާ ދެކޮޅެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްކޫލް ދަރިވަރުން މާސްކްއަޅަން މަޖުބޫރު ކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.

މެލޭޝިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. މުރުގާ ރާޖް ރާޖަތުރާއީ ވިދާޅުވީ، ހުރިހާ ދަރިވަރުން މާސްކް އަޅަން މަޖުބޫރު ކުރުމުގެ ބަދަލުގައި، ބަލީގެ އަލާމާތް ފެންނަ ދަރިވަރުން ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ހައި ރިސްކްގައި ތިބޭ ދަރިވަރުން މާސްކް އަޅާގޮތަށް ހެދުން ރަނގަޅުވާނެ ކަމަށެވެ.

ޑރ. މުރުގާ ވިދާޅުވީ، މާސްކް އެޅުމަށް ވުރެންވެސް މުހިންމު ކަމަކީ، އަތްދޮވުމާއި، ސެނިޓައިޒްކުރުން ކަމަށެވެ.

ސްކޫލްކުދިން މާސްކް އަޅާން މަޖުބޫރު ކުރުމާމެދު ސަރުކާރުން ވިސްނަމުންދާއިރު، ކޮވިޑް ފެތުރޭތީ ރައްކާތެރި ފިޔަވަޅެއްގެގޮތުން މީހުން ގިނައިން އެއްވެއުޅޭ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށްވެސް މެލޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ގެންދަނީ އާންމުންނަށް އިރުޝާދު ދެމުންނެވެ.