ޓުވިޓާގެ ވެރިފިކޭޝަން ޕްރޮސެސްއަށް ގެނައި ބަދަލުތަކާއެކު ތައާރަފުކުރި "ގްރޭ ޓިކޭ" ލިބިވަޑައިގަތް ދެވަނަ ދިވެހި ވަޒީރަކަށް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވެވަޑައިގެންފިއެވެ.
44 ބިލިއަން އެމެރިކާ ޑޮލަރުގެ ޑީލެއްގެ ދަށުން އެލަން މަސްކް، ޓްވިޓާ ކުންފުނީގެ ވެރިޔަކަށްވިފަހުން ކުންފުނީގެ ހިންގުމަށާއި، ޓުވިޓާ ޕްލެޓްފޯމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ގެނައި އެއް ބަދަލަކީ، ޓުވިޓާ އެކައުންޓަކީ ސައްހަ ނުވަތަ އެ އެކައުންޓު ބޭނުންކުރަނީ ފާހަގަކޮށްލެވޭ ޝަހްސިއްޔަތެއްކަން ހާމަކޮށްދިނުމަށް ބޭނުންކުރަމުން އައި "ލެގަސީ ވެރިފައިޑް ބްލޫ ޓިކަރ" ދިނުން ހުއްޓާލައި، ކުރިން އެ ޓިކަރ ހުރި ފަރާތްތައް އަތުން ޓިކަރ އަތުލުމެވެ.
އެއަށްފަހު ބްލޫ ޓިކަރ އަކީ، ޓުވިޓާ ބްލޫއަށް، ލާރިދައްކައިގެން ސަބްސްކްރައިބް ކުރާ ފަރާތްތަކަށްދޭ ޓިކަރއަކަށް ހެދިއެވެ.
އެލަން މަސްކު ވަނީ ވެރިފިކޭޝަންގެ އިތުރު ދެ ޓިކަރ އެއް ތައާރަފުކޮށްފައެވެ. އެއީ ވިޔަފާރިތަކަށް ހާއްސަ ގޯލްޑް ޓިކަރ އާއި، ގައުމުތަކުގެ ސަރުކާރުތަކުގެ ވުޒާރާތަކާއި މުއައްސަސާތައް އަދި އެ ތަންތަނުގެ ވެރިންނަށް ދޭން ނިންމި "ގްރޭ ޓިކަރ" އެވެ.
ގްރޭ ޓިކަރ އަކީ، ވަރަށް ގިނަ ބެލުންތަކެއް ބެލުމަށްފަހު ހާއްސަ އުސޫލެއްގެ ތެރެއިންދޭ ވެރިފިކޭޝަން ޓިކަރ އެކެވެ.
ރާއްޖޭގައި މި ޓިކަރ ހޯދާފައިވާ ފަރާތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވައެވެ. ދައުލަތުގެ ބައެއް އޮފީސްތަކާއި ވުޒާރާތައް އަދި މުއައްސަސާތަކުގެ ޓުވިޓާ އެކައުންޓުތަކުން މި ޓިކަރ ހޯދާފައިވެއެވެ. ރާއްޖޭގެ ވަޒީރުންގެ ތެރެއިން މި ޓިކަރ އެންމެފުރަތަމަ ހޯދާފައިވަނީ ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. ދެވަނަ ވަޒީރަކަށް އައިޝަތު ނަހުލާ ވެވަޑައިގެންނެވިއިރު، މިއީ މިވަގުތު ރާއްޖޭގެ ވަޒީރުންގެ ތެރެއިން މި ޓިކަރ ހޯއްދަވާފައިވާ ހަމައެކަނި ދެ ވަޒީރުންކަން ފާހަގަކޮށްލެވެއެވެ.
ސިޔާސީ ދާއިރާގައި އެތައް އަހަރުތަކެއް ހޭދަކުރައްވާފައިވާ ވަޒީރުން ތިބެމެ، އަންހެން ދެ ވަޒީރަކު މި ޓިކަރ ހޯއްދެވުން މިއީ ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ޝަރަފެކެވެ.