ކުނީގެ މައްސަލަ ބޮޑުވީ ހަމައެއް ލަމައެއް ނެތި އެތަން މިތަނަށް ކުނި އެޅުމުން ކަމަށް ވިދާޅުވެ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ހާމަކުރެއްވީ ހަގީގަތެވެ. އެއީ އެކަން އޮތް ގޮތެވެ. ތުރުކުރާ ހެދުން ކިތަންމެ ޒަމާނީ ވިޔަސް، ގެންގުޅޭ ފޯނާއި އަތުކުރި ގަޑި އަކީ ފަހުގެ އެއްޗެއްކަމުގައި ވިޔަސް، ދިވެހީން ތަހުޒީބުވުމަކީ ނެތް ކަމެކޭ ބުނެ އުޅެއެވެ. އެ ބުނުމަކީ މުޅިއަކުން ދޮގެއްވާ ނޫނެވެ.
އެކަން މިިއަދު ހެނދުނު މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ "ރަސްފަންނު" ސަރަހައްދަށް ދިއުމުން ހާމަވިއެވެ. ހަމަ ލޮލުން ދުށް މަންޒަރުތަކުން ތިމާވެއްޓާ މެދު ނުހަނު ފިކުރުކުރާ އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ދެ ލޯ ފެންކަޅިވިއެވެ. ދިވެެއްސަކަށް ވީތީ ފަޚުރުވެރިވަމުން އައި އަހަރެން ފުރަތަމަ ފަހަރަށް ދިވެއްސަކަށް ވީތީ ލަދުގަނެއްޖެއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
ސަހަރޯއެވެ. "ރަސްފަންނު"ގެ އެތަން މިތަނަށް ކުނިބުނި އަޅައި ތަން ގޮނޑުވަމުން ދަނީއެވެ. އެހެން ވިޔަ ނުދިނުމަށް ފިސާރި އަންހެނަކު އެތަން ކުނި ކަހާ މަންޒަރު ފެނެއެވެ. ކުނިކަހާ ބަޔަކަށް އޮތީ ކެހުމެވެ. ކުނި އަޅާ ބަޔަކު ވަރުވަރުން ކުނި އަޅަނީއެވެ. ބޮއިފައި ދަޅުފުޅިވެސް އެއްލާލަނީ ބިންމައްޗަށެވެ. ނޫނީ ހުސް ޔޯގަޓުތަށިވެސް އެއްލާލަނީ ޖެހިގެން އޮތް ތޮށިގަނޑު މައްޗަށެވެ. ޕްލާސްޓިކް ކޮތަޅާއި ހުސް ދަޅުފުޅި ޕެކެޓު އަދި އެހެނިހެން ކުނިބުނިން، ތޮށިގަނޑާއި ރަސްފަންނު ސަރަހައްދުގެ ބިންމަތި ފުރިފައެވެ.
ގައިމު ޑަސްޓްބިން ނުވަތަ ކުނިވަށިގަނޑު ނެތީކީ ނޫން ވިއްޔާއެވެ. ބަލާލި ކޮންމެ ދިމާލެއްގައި އެހުރީ ކުނިވަށިގަނޑެވެ. ކުނިބުނި އަޅަންވީ ޑަސްޓްބިނަކަށް ނޫން ހެއްޔެވެ؟ އެއްވެސް މީހަކަށް "ކަނަށް" ގޮވާކަށް އަހަރެން ނެތީމެވެ. އޭރުން ވާނީ އިހުތިރާމު ކުޑަކުރުމަށް ކަމަށް ވާތީއެވެ. ކުނިވަށިގަނޑު ނުފެންނާތީ އެއް ނޫނެވެ. ހިސާބަށްވުރެ ކަން ފަސޭހައީއެވެ. ނޫނީ ކަންނެތީއެވެ. އެހެން ނޫނީ ތިމާވެއްޓާ މެދު ފިކުރުކުރެވޭ ވަރު މަދީއެވެ. ތަހުޒީބުކަން ނެތީއެވެ. އަދަބެއް ސަދަބެއްވެސް ހަމަ ނެތީއެވެ. ކިރިޔާވެސް އަދަބެއް ސަދަބެއް ހުރި މީހަކަށް ނުވަތަ ލަަދުގެ ކަންފުޅެއްވެސް ހުރި މީހަކަށް ކުނިވަށިގަނޑު ހުއްޓާ، އެއަށް ކުނި އެޅުމުގެ ބަދަލުގައި އެތަން މިތަނަށް ކުނި އަޅާކަށް ނުކެރޭނެއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިދިޔަ އަހަރު އޮތް ހަފުލާއެއްގައި ވިދާޅުވިއެވެ. މިއަދު އެވާހަކަ ހަނދާންކޮށްދޭން މިޖެހުނީ މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ނިޔަތުގައެވެ. ނައިބު ރައީސް ވިދާޅުވީ މަގުމަތިންނާއި އާންމުން އެއްވެ އުޅޭ ތަންތަނުން ނަގާ ކުންޏަކީ ކޮންމެވެސް ބަޔަކު އުކާލާ ކުނި ކަމަށެވެ. އެހެންކަމުން ވެށި ސާފުކުރުމަށް ފަރުދީ ޒިންމާއެއް އޮތްކަން ގަބޫލުކޮށް އެޒިންމާ އަދާކުރުމަށް ގޮވާލެއްވިއެވެ.
ސާފުތާހިރުކަމަކީ އިސްލާމް ދީނުގެ މައިގަނޑު ތިން ބައި ކަމުގައިވާ ޢަޤީދާ އާއި ޝަރީޢާ އާއި އަޚްލާޤުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މުސްލިމެއްގެ އީމާންކަމާއި އަޅުކަމާއި އަޚުލާޤު ފުރިހަމަ ކުރެވޭނީ ސާފުތާހިރު މީހަކަށްވެސް ވެގެންނެވެ. މި ސާފުތާހިރުކަމުގެ ތެރޭގައި އިންސާނާގެ ޝަޚުސީ ސާފުތާހިރުކަމުގެ އިތުރަށް އާންމު ސާފުތާހިރުކަންވެސް ހިމެނެއެވެ.
ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم، ހަދީޘް ކުރެއްވިއެވެ. "ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ." (އަޙްމަދާއި މުސްލިމް). އަދި ސާފުކަން (ނަޡާފަތު) އެއީ އީމާންކަމުގެ ތެރެއިން ވާ ކަމެއްކަން އެހެން ހަދީޘެއްގައި ބަޔާންކުރައްވާފައި ވެއެވެ. ވީމާ މީހެއްގެ އީމާންކަން ފުރިހަމަ ވާން އޮތީ ސާފުތާހިރު ވެގެންނެވެ.