އއ. ތޮއްޑޫގައި މީހެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ތޮއްޑޫގައި ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.

ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ މީހާއަށް ހަމަލާދީ ޒަހަމްކޮށްލިއިރު، މި ހަމަލާދީފައިވަނީ ތޮއްޑޫ ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވީނިއުސް" ވިދާޅުވީ، އެރަށު ގާޑިނީ ރެސްޓޯރެންޓް ތެރޭގައި ދެ ބިދޭސީންް މާރާމާރީ ހިންގި ކަމުގެ މައުލޫމާތު އެރޭ 7:15 ހާއިރު ފުުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި 26 އަހަރުގެ ބިދޭސީ މީހަކަށް އަނިޔާވެފައިވާ ކަަމަށާއި މާރާމާރީ ހިންގި މީހާ ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޒަހަމްވި މީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައި ވެއެވެ.

މި މާރާމާރީއާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް އއ. ބޮޑުފުޅަދޫ ކޯޓުންވަނީ ހަތް ދުވަސް ޖަހާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.