މާލެ އަތޮޅު ހިންމަފުށީ ސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހައްލުކޮށްދެމުން އަންނަކަން އެކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ، ކ. ހިންމަފުށީ ސުކޫލުގެ އެދުމުގެ މަތިން، އެސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ ގިނަ މައްސަލަތަކެއް ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުން ދަނީ ހައްލުކޮށްދެމުން ކަމަށެވެ.

އެގޮތުން ކޮމްޕިއުޓަރ ލެބާއި، ސްޓާފްރޫމްގެ މައްސަލަޖެހިފައިވާ ލައިޓްތައް ރަނގަޅުކޮށްދިނުމުގެ އިތުރުން ވަޔަރިންގެ ބައެއް މައްސަލަތަށް ވަނީ ހައްލުކޮށްދީފައެވެ.

މީގެ އިތުރުން، އިންޖީނުގޭގެ ފަރާތުންވަނީ ހިންމަފުށީ ސުކޫލަށް ލެޑް ލައިޓްތަކެއްވެސް ހަދިޔާކޮށްފައެވެ.

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގައި ހުރި މިފަދަ ކަންކަން ހައްލުކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ކުރަމުންނެވެ.

ސްޓެލްކޯ ފާހަގަކުރެވެނީ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެރަށްރަށުގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ކަންކަމަށްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައްތަކެއް ކޮށްދޭ ސަރުކާރުގެ ކުންފުންޏެެއްގެ ގޮތުގައެވެ.