އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން މިއަދު ނިންމެވި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް މިހާރު ވަޒީރުންގެ މަޖިލިސް މެންބަރުންނާ އެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ބުނީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށް ކަމުގައި ފާހަގަކުރައްވާ އެކަމާއި ގުޅޭގޮތުން ވަޒީރުން ދަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.
މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.
އަދި މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެ ކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެފައެވެ.