ރާއްޖޭން އެއްވެސް އިރެއްގަ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދަން މަސައްކަތްކޮށްފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިންޓަރނޭޝަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާއެކު ރާއްޖެ ވެގެން ގޮސްފައި މިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް ފުރިހަމައަށް އިންވަކިކުރެވިފައިވާ ޤައުމަކަށް ކަމުގައެވެ.
މީގެ ކުރިން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިން އޮތީ ވަކިނުކުރެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިއްޔެ ނިމިގެން ދިޔައީ، ރާއްޖެއާ މޮރިޝަސްގެ ފުށުއަރާ ސަރަހައްދާއި ގުޅޭ ގޮތުން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް، ކަނޑައަޅަންޖެހޭ އިން ކަނޑައެޅުން ކަމަށެވެ. އަދި ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާ އާއި އެއްގޮތަށް އެއްވެސް ސަރަހައްދެއްގައި ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ފުށުއަރާނަމަ އެސަރަހައްދެއް ބަހަންޖެހެނީ މެދުން ހަމަޔަށް ވާގޮތަށް ކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ރާއްޖެއަކީ ބައިނަލް އަޤުވާމީހަމަތަކާއި މިންތަކާއި އެއްގޮތަށް އިންވަކިކުރެވިފައިވާ ފުރިހަމަ ޤައުމަކަށް ބަދަލުވެގެން ދިޔުން އެއީ ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށާއި މިސަރުކާރަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް މޮރިޝަސްއިން ނިންމާނެކަން ހާމަކުރައްވާފައިވާ ކަމަށާ، އެހެންވުމުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ފައިދާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހަދުން ރާއްޖެއަށް 47232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ.