ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ހަމައަށެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި، އުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަ ވާނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

މާލެއާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަވާން ފަށާއިމިވަނީ އާދަޔާއި ޚިލާފަށް ހޫނުމިން މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގައެވެ. މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކި ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.