މިއަދަކީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ފާހަގަކުރީ 2011 ވަނަ އަހަރުއެވެ. މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރަން ފެށިފައިވަނީ، ވަޒިފާ އަދާކުރާ މަސައްކަތްތެރީންގެ ހިދުމަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ ދުވަހެއްގެ ގޮތުގައެވެ. މިދުވަސް ގިނަ ގައުމުތަކުގައި މިއަދު ފާހަގަކުރި ނަމަވެސް، ބައެއް ގައުމުތަކުގައި މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރަނީ ތަފާތު ތާރީހުތަކުގައެވެ.
ކޮންމެ ގައުމެއްގައިވެސް، މަސައްކަތްތެރީންނަކީ، އެ ގައުމެއްގެ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުންނެވެ. ތަމައްދުންގެ ރީތި ކުލަތަކުން މުޖުތަމައު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެ މުޖުތަމައެއްގެ މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީވެސް، އެ މުޖުތަމައެއްގެ މަސައްކަތްތެރީންނެވެ.
ދިރިއުޅުމުގެ ފުރާގު ކަށަވަރުކުރުމަށްޓަކައި މަސައްކަތެއް ކުރާ ކޮންމެ މީހެއް، އަދި ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކުމެ، އެ އަދާކުރަނީ ގައުމީ ތަރައްގީގެ ވަރަށް މުހިންމު ދައުރެކެވެ. ގައުމަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ހާލަތެއްގައިވެސް، އެ ޤައުމެއް ދިރި ދެމިއޮންނަނީ، އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިތްވަރާއި ބުރަ މަސައްކަތުންނެވެ. އެހެންކަމުން މަސައްކަތްތެރީންގެ ހައްގުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ.
ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކީ، މަސައްކަތްތެރިއެއްގެ މާނައިގައި ބެލެވޭނެ މީހެކެވެ. އެހެންކަމުން، މަސައްކަތްތެރީންނަކީ މުޖުތަމައުގެ ފުރިހަމަ އިހުތިރާމާއި ގަދަރު ހައްގުވާ ބައެކެވެ. މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކޮށްދީ، ހައްގުތައް ލިބިދިނުމަށް، މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހެއެވެ. މަސައްކަތްތެރީންގެ ދުވަހެއް ފާހަގަކުރާއިރު، އެމީހުންގެ ހައްގުތައް އަދިވެސް ފުރިހަމަނުކުރެވޭކަން ފާހަގަކުރަންޖެހެއެވެ. ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ހިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި، އިތުރު ގަޑީގެ ފައިސާ ނުދީ އިތުރު ގަޑީގައި މަސައްކަތް ކުރުވުމާއި މަސައްކަތް ކުރުވުމަށްފަހު، އުޖޫރަ ނުދީ ލަސްކުރުމާއި އެމީހުންގެ ހައްގު އުޖޫރަ ނުދިނުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ހާލަތްތަކުގައި، މަސައްކަތްތެރީން ގެންގުޅުން ފަދަ މައްސަލަތައް، މިހާރުވެސް ހިނގަމުންދެއެވެ.
މަސައްކަތްތެރީންނާ މެދު ގެންގުޅޭ ތަފާތު ކުރުންތަކަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މަސައްކަތު މާހައުލު "ފޭވަރިޒަމް"ގެ ހާއްޔަކަށް ވުމާއި، ކުރާ ބުރަ މަސައްކަތް ބަލައިނުގަތުމާއި ކުރާ ރަނގަޅު ކަންކަމަށްވުރެ ކުރެވޭ ކުށްތައް ދެއްކުން އާންމުވުން ފަދަ ކަންކަމަކީ ގިނަ މަސައްކަތްތެރީން ކުރިމަތިލާންޖެހިފައިވާ ކަންކަމެވެ. މީގެ ސަބަބުން ބައެއް މަސައްކަތްތެރީން މަސައްކަތާއި މަސައްކަތްކުރާ ތަން ދެކެ ފޫހިވުމާއި ނަފުސާނީ ބަލިމަޑުކަމުގެ ތެރެއަށް ހުށަހެޅުންފަދަ ކަންކަން ކުރިމަތިވެފައި އެބަ ހުއްޓެވެ.
ވަޒީފާއަށް ނުނުކުމެވޭ ސިއްހީ ހާލަތެއް މެދުވެރިވެގެން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ސަލާމް ބުންޏަސް ނުވަތަ ގާނޫނީ ގޮތުން ލިބޭ ހައްގެއް ކަމަށްވާ އަހަރީ ޗުއްޓީ ބޭނުން ކުރުމުން އެދުވަސްތަކަށް މުސާރަ އާއި އިނާޔަތްތަކުން ފައިސާ ކެނޑުމަކީވެސް ހިނގާ ކަމެކެވެ. ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން، ސަލާމުގައި ހުންނަ ދުވަސްތަކަށް މެޑިކަލް ސެޓްފިކެޓް (އެމްސީ) ހުށަހަޅަން ލާޒިމްވަނީ ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނައިން ސަލާމުގައި ހުންނަ ދުވަސްތަކަށް ކަމަށް ވިޔަސް، އެންމެ ދުވަހަކު ސަލާމް ބުނުމުން ވެސް އެމްސީ ހުށަހަޅަން ލާޒިމުކުރާ ތަންތަން ވެސް މަދެއް ނޫނެވެ. މިހުންނަނީ ދެރަވަރުގެ ކަންކަމެވެ.
ރާއްޖޭގައިވެސް އަދި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކުރުމަށް މިއަދު ވަކާލާތުކުރަމުން އަންނައިރު، އިސްވެ ފާހަގަކޮށްފައި އެވާ ކަންކަމާ މެދު ވިސްނައި އެކަންަކަން އިސްލާހުކުރުމަކީ ތަންތަނުގެ ވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކާއި މުވާޒާރާތަކުގައި މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ އެންމެ ކުޑަމިނުން ޤާނޫނީ ހައްގުތައް މިއަދު ކަށަވަރުކޮށްދެމާ ހެއްޔެވެ؟