ދިފާޢީ އަދި އިގްތިސާދީ ދާއިރާއިން ގާބިލްކަން އިތުރުކުރުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު ޝްރީ ރާޖްނާތު ސިންގއާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރެއްވީ ރާއްޖޭގެ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އެމަނިކުފާނު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެޤައުމުގެ ދިފާޢީ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާ އިން ދިވެހި އަސްކަރިއްޔާއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލު ކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން، ދިފާޢީ އަދި އިޤްތިޞާދީ ދާއިރާއިން ޤާބިލްކަން އިތުރުކުރުމާއި، ދެޤައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައިވެސް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަދި ސަރަޙައްދުގެ ސުލްޙަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މީގެ އިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި އަދި ދެޤައުމު ގުޅިގެން ޤާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދެޤައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުންދާ ކާމިޔާބީ ދެ ވަޒީރުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މި ގޮތުން، ކައުންޓަރޓެރަރިޒަމާއި، ޑިޒާސްޓަރ މެނޭޖްމަންޓާއި، ސައިބަރ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން އެއްޤައުމުން އަނެއްޤައުމަށް މިހާރަށްވުރެ، ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ މި ބައްދަލުކުރެއްވުމުގައި އެއްބަސްވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ދިފާޢީ ވަޒީރުގެ ނައިބު އަލްއުސްތާޒު ޙަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުލް ލަތީފް ބައިވެރިވެލެއްވިއެވެ.