ރާއްޖޭގައި ހަފްތާއެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް ބޮޑުތަނުން އިތުރުވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް ރާއްޖެއިން 194 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލެއިން ބައްޔަށް ޕޮޒިޓިވްވި 105 މީހަކު ހިމެނޭއިރު އަތޮޅު ތެރެއިން 42 މީހަކު އަދި ރިސޯޓްތަކާއި ސިނާއީ ރަށްތަކުން 47 މީހަކުވަނީ ކޮވިޑްއަށް ޕޮޒިޓިވްވެ ފަރުވާ ހޯދާފައެވެ.

ކޮވިޑްއަށް ޕޮޒިޓިވްވި 38 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު ރާއްޖޭގައި ކޮވިޑް ޖެހޭ ނިސްބަތް މިހާރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް 186،435 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ބަލީގައި 313 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، ބަލިން ރައްކާތެރިވުމަށް އަނެއްކާވެސް މާސްކު އަޅަންޖެހިދާނެކަމުގެ ނުސީދާ އިންޒާރެއް މިފަހުން އެޗްޕީއޭއިންވެސް ދީފައިވާއިރު ހަފްތާއެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންނެވެ.

ކޮވިޑް ކޭސްތަކުގެ އަދަދު މައްޗަށްދާން ފަށާފައިމިވަނީ މި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށެވެ. ކޭސްތަކުގެ އަދަދުތައް ރާއްޖޭގައި ދަށަށްދާން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅުން ފަށައިގެންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވަނީ، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން މީގެ ތިން އަހަރު ކުރިން ފެށިގެން ދަންމަމުން އައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، މިދިޔަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އުވާލުމާ ގުޅިގެންނެވެ.