މިއަދަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ތިންވަނަ ދުވަސް ކަމަށް ކަނޑައެޅީ އދ ގެ އާންމު މަޖިލީހުންނެވެ. 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މެއި ތިނެއްގައި މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މެއިމަހުގެ ތިންވަނަ ދުވަސް މިކަމަށް ހާއްސަ ކުރީ ޔުނެސްކޯގެ ސައްބީސްވަނަ އާންމު ބައްދަލުވުމުގެ ގަރާރުގައި އެ ދުވަސް ފާހަގަކުރުމަށް ގޮވައިލުމުންނެވެ. މެއި ތިންވަނަ ދުވަސް އިޚުތިޔާރު ކުރެވުނީ އެފްރިކާގެ ގައުމެއް ކަމަށްވާ ނެމީބިޔާގެ ވިންޑްހޫކުގައި އެފްރިކާގެ ނޫސްވެރިން އެއްތަންވެ އެފްރިކާގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ތާރީޚީ ސެމިނާރ ނިންމައިލީ މެއި މަހެއްގެ ތިންވަނަ ދުވަހު ކަމަށް ވީތީއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި, އި ސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫންވެސް ގޮތްގޮތުން ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ. އެއާ ވިދިގެން 28 ވަނަ މާއްދާގައިވަނީ ނޫސްވެރިކަން ކުރުމާއި މުޢާސަލާތީ ވަސީލަތް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ. އަދި ހިޔާލުތައް ފާޅުކުރުމާއި ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. އެ ގޮތުން ފާޅުކުރާ ނުވަތަ ޝާއިއުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، އަހަރެންވެސް ހިމެނޭ ގޮތުން، ކޮންމެ ނޫސްވެރިއަކުވެސް ހަނދާންކުރަންވީ، ކޮންމެ މިނިވަންކަމަކާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަމެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ހުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭގޮތުން، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުމެވެ.
ކަމުގެ މަގުސަދާއި، ހާސިލުކުރަން ބޭނުންވާ ނަތީޖާއަށް ބަލާއިރު، ނޫސްވެރިކަމަކީ ހަމައެކަނި ކިޔުންތެރިން މުނިފޫހިފިލުވައިދިނުމުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫނެވެ. ނޫސްވެރިކަމަކީ އެއަށްވުރެ ހައިބަތުހުރި މަގުސަދުތަކެއްގެ މަތީގައި ބިނާވެފައި އޮންނަ ކަމެކެވެ. އެއީ، ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މައުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ބަލިމަޑުކަން ފަދަ ގައުމީ އަދި ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކޮށްދިނުމެވެ. ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަދަންވީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިން ވާން ޖެހެނީ ޒިންމާދާރު ބަޔަކަށެވެ. ހަމައެފަދައިން، މައުލޫމާތު ފެތުރުމުގައި ޔޯލަ ވާހަކަތަކަށް ބަރޯސާނުވެ، ތަހުލީލީ ނޫސްވެރިކަމުގެ ޒަރީއާއިން، ކޮންމެ ކަމެއްގެވެސް ހަގީގަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. މި މަސައްކަތުގައި ޒާތީ ތައައްސުބުން އެކަހެރިވާންޖެހެއެވެ.
ނޫސްވެރިކަމަކީ ގައުމީ ހިދުމަތެއް ކަމުގައި ދެކިގެން، ގައުމު ބިނާކުރުމުގެ ރޫހުގައި މަސައްކަތް ކުރުމަށް އަހަރެންގެ އަމިއްލަ ނަފުސަށާއި ހުރިހާ ނޫސްވެރިންނަށް ނަސޭހަތްރިވަމެވެ. ދިވެހި ނޫސްވެރިކަމަށް، ތާއަބަދުގެ ކުރިއެރުމާއި ކާމިޔާބަށް އެދެމެވެ. ދިވެހި ނޫސްވެރިންނަށް ވަރަށް އުފާފާގަތި ކުރިމަގަކަށް އެދެމެވެ.
ދިވެހި ނޫސްވެރިންނަކީ އަބަދުވެސް ޤައުމުގެ ހެވާއި ލާބަޔަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލައްވައި، ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. - އާމީން