ކުލަބުގެ ހުއްދައަކާ ނުލައި، ސައުދީ އަރަބިއްޔާއަށް ކުރި ދަތުރުގެ ސަބަބުން، ފްރާންސްގެ ޕީއެސްޖީން، އެ ޓީމުގެ ތަރި އަދި ދުނިޔެދުށް އެންމެމޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ސަސްޕެންޑުކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ޕީއެސްޖީން މެސީ ސަސްޕެންޑުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އާޖެންޓީނާއާއެކު ކާމިޔާބުކުރި ތަރި ސައުދީއަށް ގޮސްފައިވަނީ، ފްރެންޗް ލީގުގައި އާދިއްތަ ދުވަހު ލޮރިއެންޓާ ދެކޮޅަށްކުޅެ ޕީއެސްޖީ ބަލިވި މެޗަށްފަހުއެވެ. އެ މެޗުގައި މެސީ ވަނީ މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވަންދެން ކުޅެފައެވެ. މެސީ ސައުދީއަށް ގޮސްފައިވަނީ ހޯމަ ދުވަހުއެވެ.

އެކަން ހާމަކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަޙުމަދު އަލް ޚަތީބު އެވެ. މެސީ އަކީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށްދިނުމަށް ކަނޑައަޅާފައިވާ އެމްބެސަޑަރެއް ވެސް މެއެވެ. މިއީ މެސީ ސައުދީއަށް ދިޔަ ދެވަނަ ފަހަރެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީއަށް މި ދަތުރު ކުރުމުގެ ކުރިން މެސީ ވަނީ ޕީއެސްޖީގެ މެނޭޖްމަންޓުގެ ކިބައިން ހުއްދައަށް އެދިފައެވެ. އެހެންނަމަވެސް މި ހުއްދަ މެސީއަށް ދޭން، ޕީއެސްޖީގެ މެނޭޖްމަންޓުން ދެކޮޅު ހަދާފައިވާކަމަށާއި، މެސީ އެ ގައުމަށް ގޮސްފައިވަނީ ކުލަބުގެ ހުއްދައާ ނުލައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން މެސީ ސަސްޕެންޑުކޮށްފައިވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި މެސީއަށް އެ ޓީމު ކުޅޭ މެޗުތަކުގައިއާއި ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭނެއެވެ.

މީގެއިތުރުން އެ ކުލަބުން ވަނީ މެސީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ޕީއެސްޖީން މެސީ ސަސްޕެންޑުކޮށްފައި މިވަނީ، މި ސީޒަން ނިމުމުން އޭނާ އެ ކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މެސީއާ މެދު ޕީއެސްޖީގެ ސަޕޯޓަރުން ކަންކުރާ ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ފަރާތްތަކަށް އަމާޒުވެފައިވެއެވެ.

ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޕީއެސްޖީއާއެކު މެސީ އެއްބަސްވުން އައުކުރާނެކަމަށް ނުބެލެވޭއިރު، އޭނާގެ ސޮއި ހޯދުމަށް، ގިނަ ކުލަބުތަކަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ބޮޑު ހުށަހެޅުންތަކެއް ހުށަހަޅަމުން އަންނަނީ ސައުދީ ލީގުގެ ކުލަބުތަކުންނެވެ. ސައުދީ އަރަބިއްޔާގެ އަލް ހިލާލް ކުލަބުން މެސީގެ ސޮއިހޯދުމަށް އޭނާގެ އެޖެންޓުންނަށް ރަސްމީކޮށް ބިޑު ހުށަހަޅާފައިވާއިރު، މިއީ 437,710,000 މިލިއަން ޑޮލަރުގެ (ހަތަރުސަތޭކަ ތިރީސް ހަތް މިނިއަން ހަތް ލައްކަ ދިހަ ހާސް) ހުށަހެޅުމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެހެންނަމަވެސް މެސީ ބަދަވުމުގެ ފުރުސަތު އެންމެ ބޮޑީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށެވެ. ބާސާގެ ނައިބު ރައީސް، ރަފައެލް ވަނީ، އެ ކުލަބުން މެސީގެ އެޖެންޓުންނާއެކު މެސީގެ އެނބުރިއައުމާ ގުޅޭގޮތުން މަޝްވަރާކުރިކަން ހާމަކޮށްފައެވެ. މެސީ އަނބުރާ އެ ކުލަބަށް ގެންދިއުމަށް އޮތް އެންމެ ހުރަހަކީ، އޭނާ އެންމެފުރަތަމަ އެ ކުލަބު ދޫކޮށްލަން ޖެހުނު ސަބަބެވެ. އެއީ ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭ އުސޫލެވެ. މި އުސޫލުގެ ސަބަބުން އަދިވެސް ބާސާއަށް މެސީގެ ސޮއި ހޯދުމުގައި ހުރަސްތަކެއް އެބަހުއްޓެވެ.

ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި މެސީ ގެންދަން ބޭނުންނަމަ، ބާސާއިން އެ ޓީމުގެ ފަސް ކުޅުންތެރިއަކު ދޫކޮށްލަން ޖެހެއެވެ.