އިސްރާއީލާއި ޣައްޒާއާ ދެމެދު ދެމުން އައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ މެންދަމުން ފެށިގެން އިސްރާއީލުގެ އުދުވާނީ ބާރުތަކުންވަނީ ހުއްޓާނުލާ ފުލުފުލުގައި ގިނަ އަދަދަށް ޣައްޒާއަށް ވައިގެ ހަމަލާތައް ދީފައެވެ.

ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ރޭ ފަތިހު 5:30 އިން ފެށިގެން އެހަމަލާތައް ހުއްޓާލުމަށް އިސްރާއިލާއި ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތްތަކުންވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައިވެސް ބުނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް މިސްރާއި ގަތަރު އަދި އދގެ އޮފިޝަލުންނާ އެކު ހަމާސްއިން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ މަސްދަރަތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އިތުރުވިޔަ ނުދިނުމަށް ގިނަ ފަރާތްތަކަކުން މަޝްވަރާތަކަށް ވަނުމުގެ ނަތީޖާއެވެ.

އަންގާރަ ދުވަހުގެ ރޭ، އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުންވަނީ ޣައްޒާއަށް ބޮންއަޅައި، މިސައިލް ހަމަލާތައްވެސް ދީފައެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، ޣައްޒާގެ ހުޅަނގުގެ ހިސާބަކަށް އެކަނިވެސް ފަސް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

މިސައިލްތައް ގޮވުމުގެ ސަބަބުން ބޮޑެތި ހުޅުގަނޑުތައް ފަޅައިގެން ގޮސްފައިވާއިރު، އޭގެ ސަބަބުން އާންމުންގެ ގެތަކަށްވެސް ގެއްލުން ލިބުނު ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އިސްރާއީލުން ހަމަލާތައް އަމާޒުކުރީ ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތްތަކުގެ ތަންތަނަށް ކަމަށް ވެއެވެ.

ރައްދުގައި މުޖާހިދުންގެ ގުޅިފައިވާ ގްރޫޕްތަކުންވެސް ވަނީ އިސްރާއީލުގެ ތެރެއަށް ރޮކެޓް ހަމަލާތައް ދީފައެވެ.

ދެފަރާތުގެ ހަމަލާތައްވެސް ވަރުގަދަ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މިހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި މިސައިލުން ހަމަލާތައް ދިނީ، ޣައްޒާ ތެރެއިން އިސްރާއީލުގެ ތެރެއަށް 22 ރޮކެޓް ހަމަލާ ދިނުމާ ގުޅިގެން، އޭގެ ރައްދުގައި އިސްރާއީލުން ހަމަލާ ދޭނޭ ކަމަށް ކުރިންވެސް ހީކުރެވިފައި ވަނިކޮށެވެ.

ޣައްޒާ ތެރެއިން އިސްރާއީލަށް ވަރުގަދަ ރޮކެޓް ހަމަލާތައްދިނީ، އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ޚާދަރް އަދްނާން، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަންފެށިތާ ތިންމަސްފަހުން އޭނާ އަންގާރަދުވަހު ނިޔާވުމާ ގުޅިގެން އެކަމުގެ ރުޅީގައެވެ.

އެއްވެސް ޝަރީއަތަކާ ނުލައި، އިސްރާއީލުން ޚާދަރް އަދްނާން ޖަލަށް ލައި ބަންދުކޮށްގެން ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ.

އިސްރާއީލުން ޚާދަރް އަދްނާން އެކި ފަހަރުމަތިން ހައްޔަރުކޮށް ޖަލަށްލައިގެން އުޅޭތާ ވިއްސަކަށް އަހަރު ވެދާނެއެވެ.

ޚާދަރް އަދްނާން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށުމުން އިސްރާއީލުން އެކަމާ އަޅައެއް ނުލިބެއެވެ. ޚާދަރް އަދްނާންގެ ސިއްހި ހާލަތު ގޯސްވެ، އޭނާއަށް އިމަޖެންސީ ސިއްހީ ފަރުވާ ބޭނުންވާ ކަމަށާއި، އޭނާ މަރުވެދާނޭ ކަމަށް ފަލަސްތީނުންނާއި، އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ގޮވާލުމުންވެސް އިސްރާއީލުން އެއްވެސް އަޅާލުމެއް ނުދިނެވެ.

ޖަލުގައި ފަރުވާއެއް ނުދިންތާ، ހޮސްޕިޓަލަކަށްވެސް ނުގެންދިޔައެވެ.

ޚާދަރް އަދްނާން އަންގާރަދުވަހު ނިޔާވުމާ ގުޅިގެން ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، މިއީ ކަނޑައެޅިގެން އިސްރާއީލުން ހިންގި ގަތުލެއް ކަމަށެވެ. ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ބުނެފައިވަނީ، ޚާދަރް އަދްނާން ނިޔާވީ ޝަހީދު މަރެއްގައި ކަމަށެވެ.

ފަލަސްތީނުގެ އިތުރުން، ދުނިޔޭގެ އެތައް ބަޔަކުވެސް ޚާދަރް އަދްނާން ނިޔާވުމާ ގުޅިގެން އިސްރާއީލު ކުށްވެރިކުރަމުން އެބަގެންދެއެވެ.