1444 ވަނަ އަހަރު ޙައްޖަށް މީހުންގެންދިއުމަށް ހުއްދަދީފައިވާ ބައެއް ކުންފުނިތަކުން އުސޫލާ ޚިލާފަށް ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީންވަނީ ތިން ކުންފުންޏަކަށްދީފައެވެ.
ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވަނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ.
ހުއްދަ ދިން ތިން ކުންފުންޏަށް ވެސް 90 ކޯޓާ ދީފައިވާއިރު ހައްޖަށް ގެންދިއުމުގެ އަގު އުޅެނީ އެވްރެޖްކޮށް 75،000 ރުފިޔާގަ އެވެ. ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 5ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތަކީ 1 އަހަރު ދުވަހުގެ މުއްދަތެއްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއްކަން އަންގާފައިވަނިކޮށްވެސް އުސޫލާ ޚިލާފަށް ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގަމުންދާ މައްސަލަ ފެންމަތިވުމުން މިނިސްޓްރީންވަނީ އުސޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ.