20:19 - ޑްރޯން ހަމަލާތައް ދެވުނު ވަގުތު ރަޝިޔާގެ ރައީސް ޕޫޓިން ކްރިމްލިންގައި ނޫޅުއްވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ކްރެމްލިންއަށް ގެއްލުމެއް ނުލިބޭ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ކްރެމްލިންއަށް ދިން ހަމަލާއަކީ ރާވައިގެން ހިންގި ޓެރަރިސްޓް އަމަލެއް ކަމަށާއި، މިއީ މެއިމަހުގެ 9 ވަނަ ދުވަހު ރަޝިޔާގައި ފާހަގަކުރާ ވިކްޓަރީ ޑޭއާ ދިމާކޮށް ރައީސް އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއެއް ކަމަށް ރިޔާސީ ގަނޑުވަރުން ބުނެފައި ވެއެވެ. އަދި މިކަމުގެ އަޑީގައި އޮތީ ޔޫކްރެއިން ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.

ނަމަވެސް ރަޝިޔާގެ މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ މިޚައިލޯ ޕޮޑޮލިޔަކު ވިދާޅުވީ، އެ ހަމަލާއާއި ޔޫކްރެއިނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މިޚައިލޯ ޕޮޑޮލިޔަކު ވިދާޅުވީ، މި ތުހުމަތަކީ ޔޫކްރެއިނަށް އިތުރު ޓެރަރިސްޓް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރަޝިޔާއިން ރާވަމުންދާތީ އެކަމުގެ ހުއްޖަތެއްގެގޮތުން ޔޫކްރެއިން ބޮލުގައި އަޅުވާ ތުހުމަތުތަކެއް ކަމަށެވެ.

----

ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އަވަހާރަކޮށްލަން ޔޫކްރެއިނުން މަސައްކަތް ކޮށްފި ކަމަށް ރަޝިޔާއިން ތުހުމަތު ކޮށްފިއެވެ.

ރަޝިޔާ ސަރުކާރުން މި ތުހުމަތުކުރީ، މޮސްކޯގައި ހުންނަ ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެންނެވެ.

އޮފިޝަލުން ވިދާޅުވަނީ، ކްރެމްލިންއަށް ހަމަލާދިނުމަށް 2 ޑްރޯން ހަރަކާތްތެރިވި ކަމަށެވެ. އެ ދެ ޑްރޯންވެސް ކްރެމްލިންގެ ސަލާމަތީ ފަރާތްތަކުން ވައްޓާލީ ކަމަށްވެސް ބުނެއެވެ.

ރަޝިޔާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރަޝިޔާގެ މީޑިއާއިން ބުނެފައިވަނީ، މިއީ ސީދާ ރައީސް ޕޫޓިން އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، ކްރެމްލިންއާ ދިމާއިން ދުންއަރާ މަންޒަރު ފެނެއެވެ.

ރަޝިޔާގެ މީޑިއާއިން ބުނެފައިވަނީ ރައީސް ޕޫޓިންއަށް އެއްވެސް ގެއްލުމެއް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

ހަމަ އެއާއެކު، މި ހަމަލާގެ ބަދަލު ހިފުމުގެ ހައްގު ރަޝިޔާއަށް ލިބިގެންވާ ކަމަށް ކްރެމްލިންއާ ހަވާލާދީ ރަޝިޔާގެ ޓާސް ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

ކްރެމްލިން: