ހުޅަނގު މޫސުމުގެ ވިއްސާރައާއެކު މާލެ އަދި ހުޅުމާލޭގެ ކަރަންޓް ލޯޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ނިމިދިޔަ އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. އެގޮތުން މާލެ ސަރަހައްދުގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 39.3 ޑިގްރީ ސެލްސިއަސްގައެވެ. މިއާއެކު ކަރަންޓް ލޯޑުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ އަދި ހުޅުމާލޭގެ ކަރަންޓް ލޯޑް އިއްޔެއާއި އަޅާބަލާއިރު މިއަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އެގޮތުން، އިއްޔެ 15:00ގެ ނިޔަލަށް މާލޭގެ ކަރަންޓް ލޯޑް ހުރީ 66،051 މެގަވޮޓުގައެވެ. އިއްޔެ ހުޅުމާލޭގެ ކަރަންޓް ލޯޑް 23،458 މެގަވޮޓްގައި ހުރިއިރު، ޖުމްލަ ކަރަންޓް ލޯޑް ވަނީ 93،026އަށް އަރާފައެވެ.

މިއަދު މިއަދަދުތައް ދަށަށް ގޮސްފައިވާއިރު، މިއަދުގެ 15:00ގެ ނިޔަލަށް މާލޭގެ ކަރަންޓް ލޯޑް 53،343 މެގަވޮޓްގައި ހުރިއިރު ހުޅުމާލޭގައި މިއަދަދު ހުރީ 18،843ގައެވެ. މިއީ މުޅި ޖުމްލަ 74،727 މެގަވޮޓްއެވެ.

ވިއްސާރައާއެކު ކަރަންޓް ލޯޑް ދަށަށް ގޮސްފައިވާއިރު، މިއަހަރުގެ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ ސަރަހައްދުތަކަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކުރިއަށްއޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.