ސާބިއާގައި ބަޑީގެ ހަމަލާތަކެއްދީ 17 މީހުން މަރާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބުރާސްފަތި ދުވަހު ސާބިއާގެ ވެރިރަށުގެ ދެކުނުގައި އޮންނަ އަވަށެއްގައި ދުއްވަމުން ދިޔަ ކާރެއްގައި އިން ހަތިޔާރު އެޅި ޒުވާނަކުވަނީ މަގުމަތިން ދިޔަ މީހުންނާ ދިމާލަށް ބަޑިޖަހައި އަށް މީހުން މަރާލައި 13 މީހުން ޒަޚަމްކޮށްލާފައެވެ.

މަލަޑެނޮވެކް ނަމަކަށް ކިޔާ އަވަށުގައި ބުރާސްފަތި ދުވަހުގެ ރޭ މިހަމަލާ ދީފައިވަނީ 21 އަހަރުގެ ޒުވާނެއް ކަމަށް ވެއެވެ. އަދި އެޒުވާނާ ހަމަލާ އަމާޒުކުރީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ނޫން ކަމަށާއި ފެންނަހާ މީހެއްގެ ގަޔަކަށް ބަޑި ޖަހާފައި ފިލީ ކަމަށްވެއެވެ.

އެޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ސާބިއާގެ ދާޚިލީ ވަޒީރު ބްރަޓިސްލާވް ގާސިޗް ވަނީ މިހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ހަމަލާއާ ގުޅިގެން އަވަސްފަރުވާދޭ ސިއްހީ އެހީތެރިންނާއެކު އެމްބިއުލާންސްތަކުގެ އިތުރުން ފުލުހުންނާއި އަސްކަރީ ހެލިކޮޕްޓަރުތަކުގައި ސިފައިންވެސްވަނީ ވަގުތުން އެ ސަރަހައްދަށް ފޮނުވައިފައެވެ.

މަލަޑެނޮވެކްގައި މި ހަމަލާ ދީފައި މިވަނީ، އެގައުމުގައި ހުންނަ ސްކޫލެއްގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ބައްޕަގެ ހަތިޔާރު ބޭނުންކޮށްގެން އަށް ދަރިވަރަކާއި ސެކިއުރިޓީ ގާޑަކު މަރާލި ހާދިސާއެއްވެސް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. މިހަމަލާއާ ގުޅިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ފަރަންސޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ މަރުވި ކުދިންގެ ތެރޭގައި ފްރާންސްގެ ރައްޔިތެއްވެސް ހިމެނޭ ކަމަށެވެ.

ބޮލަކަށް އެންމެ ގިނަ ބަޑި ގެންގުޅޭ، ޔޫރަޕުގެ ސަރަޙައްދުތަކުގެ ތެރޭގައި މިހަމަލާ ދިން ސްކޫލް ހުންނަ ބަލްކަން ސަރަޙައްދު ހިމެނެއެވެ. އެގައުމުގައި ހަތިޔާރު ގެންގުޅުމުގެ ހަރުކަށި ގާނޫނުތައް އޮންނައިރު މީގެ ކުރިން ބަޑީގެ ހަމަލާއެއް ދީފައިވަނީ 2013 ވަނަ އަހަރުގައެވެ.

ހަތިޔާރު ގެންގުޅޭ މިންވަރު ކޮންޓްރޯލް ކުރުން އިތުރަށް ހަރުކަށި ކުރުމަށް ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު ފިޔަވަޅު އަޅާފައިވާއިރު، ފުލުހުން ވަނީ ކުޑަކުދިންނާ ދުރުގައި ހަތިޔާރު ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

1990ގެ އަހަރުތަކުގެ ހަނގުރާމަތަކުން ބާކީވެފައިވާ ހަތިޔާރުތައް ސާބިއާގައި އަދިވެސް ގެންގުޅެއެވެ.