މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކުރުމަކީ އިޚްތިރާމުކުރުމުގެ ދާއިރާއިން ބޭރުވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ "އިޚްތިރާމުކުރުން" މިމައުޟޫގެ މައްޗަށެވެ.
ހުކުރު ޚުޠުބާގައި ބުނީ، އަހަރެމެންގެ މުޖުތަމައުގައި އިޚްތިރާމް ނުކުރުމުގެ އިޖްތިމާޢީ ވަބާ ފެތުރިފައިވާ ކަމަށެވެ. މިގޮތުން، ދަރިން މައިންބަފައިންނަށް، މައިންބަފައިން ދަރިންނަށް، އަވަށްޓެރިން އަވަށްޓެރިންނަށް، ދަރިވަރުން އުސްތާޛުުންނަށް، އުސްތާޛުުން ދަރިވަރުންނަށް، މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް، އިޚްތިރާމްކުރުން ހިތާމަކުރަންޖެހޭ ވަރަށް ކުޑަވެފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
އިޚްތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެވެރި އަޚްލާޤްގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، ﷲ ސުބުޙާނަޙޫ ވަތަޢާލާ އިންސާނާ އުފައްދަވާފައިވަނީ އިޚްތިރާމް ލިބިގެންވާ މީހެއްގެ ގޮތުގައި ކަމަށެވެ.
އިންސާނާއަކީ އިޚްތިރާމް ކުރުމަށް ލޯބިކުރާ މަޙްލޫޤެއް ކަމަށާއި އޭނާއަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށް ހުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ، ދޭދޭ ފަރުދުންނާއި ޖަމާއަތް ޖަމާއަތާއި ގައުމުތަކުގެ މެދުގައިވާ ގުޅުންތަކުގެ އަސާސަކީ އިޚްތިރާމްކުރުން ކަމަށެވެ. އެއީ ތަހުޒީބާއި ތަމައްދުން ހާމަކޮށްދޭ ކަމެއްކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ މީސްތަކުންގެ ހިތްތައް ފަތަހަކުރެވޭނީ އިޚްތިރާމްކޮށްގެން ކަމަށެވެ.
ކޮންމެ މީހަކުވެސް ބޭނުންވާނީ މުޖުތަމައު ބަލައިގަންނަ މީހަކަށްވާށެވެ. މިގޮތުން މުޖުތަމައު އެމީހަކު ބަލައިގަތްކަން އެމީހުންނަށް ޢަމަލުން ދެއްކޭނީ އިހްތިރާމްކުރުމުގެ ޒަރިއްޔާއިންނެވެ.
ހުރިހާ އިޙްތިރާމެއްގެ ތެރެއިން ވެސް މައިން ބަފައިންނަށް އޯގާތެރިވެ އަޅާލުމާއެކު އިޙްތިރާމްކުރުން އެއީ ކޮންމެ ދަރިއެއްގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. މަންމަގެ ނަން މިކަމުގައި ބައްޕައަށް ވުރެ އިސްވެގެން އާދެއެވެ. މިކަމަށް އޮތް އެންމެ ބޮޑު ހެއްކަކީ ލުޤްމާން ސޫރަތުގެ އަންނަނިވި އާޔަތްތަކެވެ.
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (سورة لقمان:١٤) މާނައީ:-“އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ”.
އިޚްތިރާމްކުރުންމީ، މިހާރު އަހަރުމެންގެ ތެރޭގައި ވަރަށް ބޮޑަށް ނެތި ގޮސްފައިވާ ކަމެކެވެ. އިޙްތަރާމް އަދާކުރުމަކީ، އަނެކާ ލަދުގަންނާނެ ފަދަ ކަމެއް ނުވަތަ އެހެން މީހުންގެ ކުރިމަތީގައި އަނެކާގެ ޤަދަރު ކުޑަވެދާފަދަ ކަމެއް ތިމާ ނުކުރުމެވެ. އަދި އިޙްތިރާމު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް ކުރުމެވެ. އިޙްތިރާމްއަދާކުރުމަކީ، ތަޙްޛީބުވެފައިވާ އެންމެންގެ ކިބައިގައި ހުންނަންޖެހޭނެ މާތް ސިފައެކެވެ.
އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެވިދާނެ ވަރަށްގިނަ ކަންތައްތަކެއް ހުރެއެވެ. އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އިންސާނާގެ ކަރާމަތާއި އިޙްތިރާމް ދެމެހެއްޓުމަށްޓަކައި ޢަމަލުކުރަންޖެހޭ ގޮތްތަކެއް އަންގަވައިފައިވެއެވެ. މި ސިލްސިލާ އޭނާ ދުނިޔޭގައި ހުންނަ ދުވަސްވަރުން ފެށިގެން މަރުވެ ފަސްދާނުލެވުމަށް ދާންދެން ދެމިއޮވެއެވެ.