ސަރުކާރު ހިންގާ މައި ޕާޓީ(އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުގެ ބެފުޅުންނާއި ރާއްޖޭގެ ތިންވަނަ އެންމެ ބޮޑު ޕާޓީ (ޖޭޕީ)ގެ ބޭފުޅުން މިއަދުވެސް މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު، ޖުމްހޫރީ ޕާޓީގެ ލީޑަރަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙުމަދު ކުރެއްވި ޓްވީޓެއްގައިވަނީ ބައްދަލުވުމެއް އޮތްކަން ހާމަކުރައްވާފައެވެ. ނަމަވެސް، މިބައްދަލުވުމުގައި މަޝްވަރާކުރުން އޮތީ ކޮންކަމަކާކަަން ޖޭޕީއިން އަދި ހާމަ ނުކުރެއެވެ.
ސަން އައިލެންޑުގައި އޮތް މިބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އިތުރުން، ސްޕެޝަލް އެންވޯއީ އިލްހާމް އަޙުމަދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުގެ އިތުރުން ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުން ކަމަށްވާ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް ބައިވެރިވެވަޑައިގަތެވެ.
މީގެ ކުރިންވެސް، ޖޭޕީގެ ބޭފުޅުންނާއި "ފިކުރެއްގެ ދިރުމުގެ" ބޭފުޅުންވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.
މީގެ ކުރިން މިގޮތުން ބޭއްްވި ބައްދަލުވުމަކަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވާހަކަ ދެކެވެނީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން ކަމަށެވެ.
"މިއީ އެއް ރެއިން ނިންމާލާ ގޮތަށް ހިންގާ މަޝްވަރާތަކެއް ނޫން،" ކަމަށާއި ސިލްސިލާކޮށް ވާހަކަތައް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަލީ ޝާހް ވިދާޅުވީ، ޖުމްހޫރީ ޕާޓީ ތަރުތީބުވެފައިވާ ގޮތް ފެނި ބައެއް ސިޔާސީ ބޭފުޅުން އާންމު ރައްޔިތުންގެ ހިތްތަކުގައި ވަހުމު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށެވެ. އެހެންނަމަވެސް އެ ޝައްކުތައް ވެގެންދާނީ ބިލާހަކަށްކަން ފާހަގަކުރައްވާ ޝާހް ވިދާޅުވީ ޖޭޕީ އިސްވެއޮވެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށާއި ޕާޓިން ކޮށްފައިވާ ތަރުތީބަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވާދަ ކުރެއްވުމަށް ނިންމަވާފަވާއިރު އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވާ ސިޔާސީ ކަންކަމުގައި މަޝްވަރާ ކުރެއްވުމަކީ ޖޭޕީން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެކަމަކީ ޕާޓީގެ އަސާސެއް ކަމަށާއި މަޝްވަރާކޮށްގެން ކަންކަން ނިންމުމަކީ ޕާޓީން އަބަދުވެސް ގަބޫލުކުރާ ގޮތް ކަމަށާއި ޖުމްހޫރީ ވެރިކަމަކަށް ތާއީދުކުރާ ޕާޓީއަކީ ޖޭޕީ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، އޮނަރަބަލް ގާސިމް އިބްރާޙީމެވެ.
އެ ނިންމުމަށް ގިނަބަޔަކު މަރުހަބާ ކިޔާފައިވާއިރު، ޖޭޕީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމަށް އެކި ފަރާތްތަކުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ ފިކުރެއްގެ ދިރުން ހަރަކާތެވެ.