ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ވީމީޑިއާ ހަމަޖައްސައިފިއެވެ.

ފުޓްސަލްގެ ފޯރި ގަދަ، މުބާރާތްތަކުގެ އިންތިޒާމް އެންމެ ރަނގަޅަށް ހަމަޖައްސާ އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ބ. ދަރަވަންދޫގައި މުބާރާތުގެ މެޗުތައް ކުޅޭއިރު، މުބާރާތް ކުރިއަށްދާނީ މި މަހުގެ 12 ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. ދަރަވަންދޫގައި މީގެކުރިން، ޓެކާސް ފުޓްސަލް މުބާރާތާއި ބ. ސެންޓްރަލް ފުޓްސަލް މުބާރާތް ވެސް ބާއްވާފައިވެއެވެ.

މިއީ ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތް ކުރިއަށްދާނީ ފިރިހެން އަދި އަންހެން ޑިވިޝަން ވަކިންނެވެ. މުބާރާތުގައި ބ. އަތޮޅުގެ 10 ރަށަކުން ޖުމްލަ 16 ޓީމު ބައިވެރިވެއެވެ. އެއީ ފިރިހެން ޑިވިޝަނުގައި އަށް ޓީމު އަދި އަންހެން ޑިވިޝަނުގައި ވެސް އަށް ޓީމެވެ.

މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގައި ހިމެނެނީ ދަރަވަންދޫ، ފެހެންދޫ، ކަމަދޫ އަދި ކިހާދޫއެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ، ގޮއިދޫ، މާޅޮސް، އޭދަފުށި އަދި ހިތާދޫއެވެ.

މުބާރާތުގެ ފުރަތަމަ މެޗުތައް މި މަހުގެ 12 ވަނަ ދުވަހުގެރޭ ކުޅޭއިރު ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަރަވަންދޫއާއި ފެހެންދޫ އެވެ. އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިތާދޫއާއި ދަރަވަންދޫއެވެ.

"ވީނިއުސް" އާ ވާހަކަދައްކަވަމުން މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ޗެއާމަން އަބްދުލް މަޖީދު ހަސަން ވިދާޅުވީ، މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ދަރަވަންދޫއަށް ލިބުނީ، ޕްރޮޕޯސަލް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު، ޕްރޮޕޯސަލް ހުށަހެޅި ހަމައެކަނި ރަށަކީ ދަރަވަންދޫއަށް ވާތީ ކަމަށެވެ.

މުބާރާތުގައި ހޮވަން ނިންމާފައިވާ މަގާމުތަކާއި، އިނާމުތައް ވެސް މަޖީދު ހިއްސާކުރެއްވިއެވެ.

ދެ ޑިވިޝަނުގެ ވެސް ޗެމްޕިއަން ޓީމަށް، ކޮންމެ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމުތަކަށް، ކޮންމެ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި، އިނާމު ދިނުމަށް ވެސް ބ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ކުޅުންވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ، ގްރޫޕް ސްޓޭޖުގައި ބަހާލާފައިވާ ދެ ގުރޫޕުން، ކޮންމެ ގުރޫޕެއްގެ ވެސް ހަތަރު ޓީމު އެއް ޓީމު އަނެއް ޓީމާ އެއްމެޗު ކުޅެ، ގްރޫޕް ސްޓޭޖުގެ އެންމެގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ކޮންމެ ގުރޫޕަކުން ވެސް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީގެ ދެ މެޗުން މޮޅުވާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.

އަތޮޅުގައި ފުޓްސަލްގެ ފޯރި އިތުރުކޮށް، ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދައި، ކުޅިވަރުގެ ރޫޙު އާލާކޮށް ރަށްރަށުގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުބާރާތުގެ އިންތިޒާމު ކޮމިޓީގެ ރައީސް، މަޖީދު ވިދާޅުވީ، ބޮޑު މަގްސަދެއް ހާސިލްކުރުމަށް މި މުބާރާތް ބާއްވާއިރު، ވީހާވެސް އަމާންކަމާއެކު ކުޅިވަރުގެ ރޫހާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދިއުމަށް ހުރިހާ ރަށަކުން ވެސް އެހީތެރިވެދިނުމަށް އެދިލައްވާ ކަމަށެވެ.

ހައިބަތުބޮޑު ފުޓްސަލް މުބާރާތަކަށް ބ. އަތޮޅު ކައުންސިލުން ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާއެވެ.

ދަރަވަންދޫގައި ބާއްވަން ނިންމާފައިވާ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވީމީޑިއާ ހަމަޖައްސާފައިވާއިރު، ދަރަވަންދޫގައި ބޭއްވި ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ފާއިތުވީ ދެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވެސް ވީމީޑިއާއެވެ. މުބާރާތުގެ އެންމެފަހުގެ އަދާހަމަ ވީމީޑިއާގެ އޮންލައިން، ވީނިއުސް އިން ގެނެސްދީފައިވާއިރު، ފައިނަލް މެޗުތައް ވީޓީވީއިން ވަގުތުން ގެނެސްދީފައިވެއެވެ.

ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ހުރިހާ މެޗެއްގެ ވެސް އެންމެފަހުގެ މައުލޫމާތުތައް ވީނިއުސް އިން ގެނެސްދޭނެއެވެ. އަދި ފައިނަލް މެޗުތައް ވީޓީވީ މެދުވެރިކޮށް، ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.