އިނގިރޭސި ރަސްގެފާނު ޗާރލްސް 3 ވަނަ، ރަސްމީގޮތުން ރަސްކަމުގެ ތަޚުތުވައި ވަޑުވައި، ރަސްކަމުގެ ތާޖު އަޅުވައިފިއެވެ.
މިކަމުގެ ކުލަގަދަ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ލަންޑަންގެ މެދުތެރޭގައި ހުންނަ އެންމެބޮޑު ފައްޅި، ވެސްޓްމިންސްޓަރ އަބީގައެވެ.
އުމުރުފުޅުން މިހާރު 74 އަހަރު ވެފައިވާ ރަސްގެފާނު ޗާރލްސް ވެޑުވުނު ތަޚުތަކީ 14 ވަނަ ގަރުނުގެ ތަޚުތެކެވެ. އަދި ރަސްގެފާނުގެ އިސްތަށިފުޅުގައި އެޅުވުނު ތާޖަށް 360 އަހަރު ވެފައިވާ ކަމަށް ވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ޗާރސްގެ ދެވަނަ އަނބިކަނބަލުން ކެމީލާގެ އިސްތަށިފުޅުގައިވެސްވަނީ ކުއީންގެ ތާޖު އަޅުވާފައެވެ.
ރަސްގެފާނު ޗާރލްސް، އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރަސްމީގޮތުން ވެޑުވުމަށް ވެސްޓްމިންސްޓަރ އަބީގައި ބޭއްވި ރަސްމިއްޔާތެ ދެ ގަޑިއިރަށް ދެމިގެންދިޔައެވެ.
މިރަސްމިއްޔާތުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ އިސް ވެރިންނާއި، ޚާއްސަ އެހެން ބޭފުޅުން ބައިވެރިވެވަޑައި ގެންނެވިއެވެ.
ޗާރލްސް ތަޚުތުގައި ވެޑުވުމާއެކު، ވަރަށް ކުލަގަދަ އަސްކަރީ ޕެރޭޑްތައް ބާއްވައި، ބަޑީގެ ސަލާމް އެރުވުން އޮތެވެ.
ޓަވަރ އޮފް ލަންޑަންއާއި، ވެރިރަށުގެ އެކި ހިސާބުތަކުންނާއި، އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުނާއި، ޖިބްރޯލްޓަރ، ބާރމިއުޑާ އަދި ކަނޑުމަތީގައި އުޅޭ އިނގިރޭސި އަސްކަރީ މަނަވަރުތަކުންވެސް ބަޑީގެ ސަލާމުގައި ބައިވެރިވިއެވެ.
މިރަސްމިއްޔާތު ޓީވީ މެދުވެރިކޮށް އެތައް މިލިއަން ބަޔަކު ބެލިކަމަށް ވެއެވެ.
ޚާއްސަ ރަސްމިއްޔަތަށްފަހު ރަސްގެފާނު ޗާރލްސްއާއި، ރާނީ ކެމީލާ، ޚާއްސަ ގާޑިޔާކޮޅުގައި އެއް މޭލުގެ ޕެރޭޑެއްގައި ދެން ވަޑައިގެންނެވި ޝާހީ ރަސްކަމުގެ ރަސްމީ ގަނޑުވަރު ބަކިމްހަމް ޕެލަސްއަށެވެ. މި ޕެރޭޑްގައި ދުނިޔޭގެ 39 ގައުމަކުން 4،000 ސިފައިން ބައިވެރިއެވެ.
ބަކިމްހަމް ޕެލަސްއަށް ވަޑައިގަތުމަށްފަހު ބެލްކަނިން ބޭރަށް ނުކުމެވަޑައިގެން، ބަކިމްހަމް ޕެލަސް ކައިރިއަށް އެއްވެފައި ތިބި އެތައްހާސް ސަޕޯޓަރުންނާ ރަސްގެފާނު ޗާރލްސްގެ ދެކަނބަލުން އަތްޕުޅުގެ އިޝާރާތުން ސަލާމް ކުރެއްވިއެވެ.
އިނގިރޭސި ރަސްކަމުގެ ތާރީޚް އެއްހާސް އަހަރަށް ދެމިގެންދެއެވެ.
ރަސްކަމުގެ ތަޚުތުގައި ޗާރލްސް މި ވެޑުވުނީ، ރަސްކަމުގެ ތަޚުތުގައި އިންނެވި ޗާރލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ރަސްގެފާނު ޗާރލްސް ތަޚުތުގައި ވެޑުވުމުގެ ކުލަގަދަ ރަސްމިއްޔާތު ކުރިއަށްދިޔަ ވަގުތާ ދިމާކޮށް، ވެސްޓްމިންސްޓަރ އަބީއާ މާދުރުނޫން ހިސާބެއްގައި އެތައްހާސް ބަޔަކު މުޒާހަރާ ކުރަމުންދިޔައެވެ. އެއީ، ރަސްކަމާ ދެކޮޅު ޚިޔާލުގެ މީހުންނެވެ.
އެމީހުން ގޮވަމުންދިޔައީ އެއީ، "އަހަރެމެންގެ ރަސްގެފާނެއް ނޫން" ކަމަށެވެ.
މި މުޒާހަރާ ތެރެއިން ފުލުހުން ބަޔަކު ހައްޔަރުވެސް ކުރިއެވެ.