ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯމްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް އަލީ އުމަރު އިންތިޚާބުކޮށްފިއެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ސާފްގެ ނައިބު ރައީސަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ އަލީ އުމަރު އިންތިޚާބުކުރީ ބަންގްލަދޭޝްގެ ޑާކާގެ އިންޓަކޮންޓިނެންޝިއަލް ހޮޓަލުގައި ހޮނިހިރު ދުވަހު ބޭއްވި ސާފްގެ މިއަހަރުގެ ކޮންގްރެސްގައެވެ. އޭނާގެ އިތުރުން ނޭޕާލުގެ ސުންދަރު ނަރްސިންގް ޖޯޝީވެސް ވަނީ 2023-2027 ގެ ދައުރަށް ނައިބު ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައެވެ.

އަލީ އުމަރުވަނީ މީގެ ކުރިންވެސް ސާފް އެގްޒެކްޓިވް ކޮމިޓީގައި ރާއްޖެ ތަމްސީލްކޮށްފައެވެ.

ސާފްގެ ނައިބު ރައީސްގެ މަގާމު މިދިޔަ އަހަރު ޖުލައި މަހު ބޭއްވި އެންމެ ފަހުގެ ކޮންގްރެސް އިން ފެށިގެން އޮތީ ހުސްކޮށެވެ.

ސާފްގެ ރައީސަކީ ބަންގްލަދޭޝްގެ ޣާޒީ ސަލާހުއްދީނެވެ. ހަތަރު އަހަރު ދުވަހަށް އޭނާ އަލުން ރައީސް ކަމަށް ހޮވީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭއްވި ޖަލްސާގައެވެ.

ކޮންގްރެސްގައި ދެ ނައިބު ރައީސުން އިންތިޚާބުކުރުމުގެ އިތުރުން، އޭއެފްސީގެ އެކްސްކޯއަށް ސާފުން ކަނޑައަޅާ މެންބަރުގެ ގޮތުގައި އިންޑިޔާގެ ޖެނެރަލް ސެކްރެޓަރީ ޝާޖީ ޕްރަބާކަރަންވަނީ ކަނޑައަޅާފައެވެ.

ކުރިން މި މަގާމުގައި ހުރީ ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ރައީސް ޖަސްވަރު އުމަރެވެ. ލަންކާވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ސަސްޕެންޑްކޮށްފައެވެ.