ކުރިން ވިސާ ހެއްދުމަކާ ނުލައި، އޮން އެރައިވަލް ވިސާ ލިބޭގޮތަށް ދިވެހިންނަށް ތުރުކީއަށް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަކަން ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއަކާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފަހަކަށް އައިސް ދިވެހިން ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ގިނައިން ގޮސް އުޅޭ ގައުމެއްކަމަށްވާ، ތުރުކީއަށް، ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި މަސައްކަތް މިހާރު އޮތީ، ސޮއިކުރުމުގެ މަރުހަލާގައިކަން އޭނާ ހާމަކުރެއްވިއެވެ.
ރާއްޖޭގެ ޕާސްޕޯޓުގެ އެހީގައި މިހާރުވެސް ގިނަ އަދަދެއްގެ ގައުމުތަކަކަށް ވިސާއަކާ ނުލައި ދަތުރުކުރެވޭކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ވެސް، ވިސާއަކާ ނުލައި ދިވެހި ރައްޔިތުންނަށް 93 ގައުމަކަށް ދަތުރުކުރެވެއެވެ.
އޮފިޝަލް ވިދާޅުވީ، އިތުރު ގައުމުތަކަކަށް، ދިވެހިންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް މިނިސްޓްރީން މިހާރު ވެސް ކުރަމުން އަންނަކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރެވެމުން އަންނަކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް ދެތިން މަސް ތެރޭ، ދިވެހިންނަށް ވިސާއާ ނުލާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު 100 އަށް ހެދުންކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ޕާސްޕޯޓަށްވުރެ ބާރުގަދަ ޕާސްޕޯޓެއްކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ދިވެހި ޕާސްޕޯޓު އިތުރަށް ވަރުގަދަކޮށް، ގިނަ ގައުމުތަކަކަށް ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ކުރަމުން އަންނައިރު، މިފަހުން ރުވާންޑާއާއި ކެމްބޯޑިއާ އަދި ބުރުންޑީއަށް ދިވެހިންނަށް ވިސާއާ ނުލައި ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކަށް ވެސް ދިވެހިންނަށް ވިސާ ނެގުމަކާ ނުލައި މިހާރު ވެސް ދަތުރުކުރެވެއެވެ. އެގޮތުން ވިސާއާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.
ދިވެހި ޕާސްޕޯޓަކީ މިހާރު ވެސް ސަރަހައްދީ ގޮތުން އެންމެ ބާރުގަދަ ޕާސްޕޯޓުކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއިރު، 2020 ވަނަ އަހަރުގެ ޖުލައި މަހު އާންމުކުރި 'ހެންލީ ޕާސްޕޯޓް އިންޑެކްސް' އިން ވެސް ދައްކަނީ ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓު ކަމަށެވެ. ދުނިޔޭގެ ރޭންކިންގައި އޭރު ރާއްޖެއަށް ލިބެނީ 58 ވަނައެވެ. މި އިންޑެކްސް ހާމަކުރިއިރު ރާއްޖޭގެ ޕާސްޕޯޓު ބޭނުންކޮށްގެން ދަތުރުކުރެވެނީ 88 ގައުމަކަށެވެ.