ޔޫރަޕްގެ އިއްތިހާދުން ފަންޑުކޮށްގެން ފަލަސްތީނުގައި ހަދާފައިހުރި ޕްރައިމެރީ ސްކޫލެއް، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ތަޅައި ބިމާހަމަކޮށްލައިފިއެވެ.
އިސްރާއީލުގެ ބުލްޑޯޒަރުތަކުން ތަޅައި ސުންނާފަތި ކޮށްލާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައިތުލަހުމް ކައިރީގައި އޮންނަ ބައިތު ތައައްމަރު އަވަށުގައި ހަދާފައިހުރި ޕްރައިމެރީ ސްކޫލެކެވެ.
ފަލަސްތީން ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، އެ ސްކޫލަކީ 5 ކްލާސްރޫމް ހިމެނޭ ސްކޫލެއް ކަމަށާއި، އެތަނުގައި އުމުރުން 6 އަހަރާއި 9 އަހަރާ ދެމެދުގެ 60 ވަރަކަށް ދަރިވަރުން ތައުލީމު ހާސިލްކުރަމުންދިޔަ ކަމަށެވެ.
އިސްރާއީލުން އެ ސްކޫލް ހަލާކުކޮށްލީ، އެއީ، ޣައިރުގާނޫނީގޮތުން ބިނާކޮށްފައިވާ ސްކޫލެއް ކަމަށާއި، އަދި އެތަނުގެ ސަބަބުން އިސްރާއީލުގެ ސަލާމަށް ނުރައްކާއޮތް ކަމަށް ދެކިގެން ކަމަށް ބުނެއެވެ.
ފަލަސްތީނުގެ އާންމުންވަނީ، އިސްރާއީލު ސިފައިން، ސްކޫލް ހަލާކުކުރަން ފެށުމުން، އެމީހުންނާ ދިމާއަށް އޮށްގާއުކާފައެވެ. ރައްދުގައި އިސްރާއީލު ސިފައިން ހަމަލާދިނީ ކަރުނަގޭހުންނެވެ.
1967 ގައި އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރެވުނު 6 ދުވަހުގެ ހަނގުރާމައަށްފަހު އިސްރާއީލުންވަނީ މުޅި ހުޅަނގު އައްސޭރި ހިފާފައެވެ. ފަލަސްތީނުގެ ވެރިރަށް ރާމަﷲވެސް ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ.
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 2.9 މިލިއަން މީހުން ދިރިއުޅޭއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޣައިރުގާނޫނީ ޔަހޫދީ އާބަދީތައް ހަދައި، އިސްރާއީލުން 475،000 ޔަހޫދީން ވަޒަންވެރި ކޮށްފައި ވެއެވެ.
ނަމަވެސް، ބައިނަލްއަގްވާމީ ގާނޫނުތައް ބުނާގޮތުގައި، 1967 ގެ ހަނގުރާމައަށްފަހު އިސްރާއީލުން ހިފި ހުރިހާ ބިންތަކަކީވެސް ފަލަސްތީނުގެ ބިންތަކެވެ. އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީވެސް ޣައިރުގާނޫނީ އަމަލެއް ކަމަށް ކަނޑައަޅާފައި ވެއެވެ.
ބައިތު ތައައްމަރު އަވަށުގައި ހިންގަމުން އައި ޕްރައިމެރީ ސްކޫލަކީ ޣައިރުގާނޫނީ ސްކޫލެއް ކަމަށާއި، އެއީ، ނުރައްކާތެރި ތަނެއް ކަމަށް ކަނޑައެޅީ، ހިފާފައިވާ ބިންތަކުގެ މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ދިފާއީ ވުޒާރާގެ ކޮގެޓް ގްރޫޕުންނެވެ.
ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އިސްރާއީލުގެ މަގްސަދަކީ، ސްކޫލް ހުރި ބިމަށް ވެރިވެގަތުން ކަމަށެވެ.
އާދީއްތަދުވަހު އިސްރާއީލުން ހަލާކުކޮށްލި ސްކޫލަކީ، އެ ބިމުގައި ކުރިންހުރި ސްކޫލް އިސްރާއީލުން 2019 ވަނަ އަހަރު ހަލާކުކޮށްލުމުން ބިނާކުރި ސްކޫލެއް ކަމަށް ފަލަސްތީނު ސަރުކާރު އޮފިޝަލެއް ކަމަށްވާ އަހްމަދު ނާސިރް ވިދާޅުވިއެވެ.
ޕްރައިމެރީ ސްކޫލް ހަލާކުކޮށްލުމުން ޔޫރަޕްގެ އިއްތިހާދުންވަނީ ވަރަށް ބޮޑަށް ހިތްމަނުޖެހުމާއި، ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީޔޫއިން ނެރުނު ބަޔާނެއްގައި، ސްކޫލްތަކާއި، ގެތަކާއި، އިމާރާތްތައް ތަޅައި ސުންނާފަތިކުރުން ހުއްޓާލުމަށާއި، ފަލަސްތީނު މީހުން ގެދޮރުން ނެރުން ހުއްޓާލުމަށްވެސް އިސްރާއީލަށް ގޮވާލާފައި ވެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުން އިތުރަށް ނިކަމެތިވެ، މަސްރަހް އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނޭ ކަމަށް ބުނެފައި ވެއެވެ.
އިސްރާއީލުގެ ސަރުކާރުގެ އަމުރަށް، 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ 11 ސްކޫލެއް ހަލާކުކޮށްލާފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ހުޅަނގު އައްސޭރީގެ އެކި ރަށްތަކުން އިތުރު 57 ސްކޫލް އިމާރާތެއް ހަލާކުކޮށްލަންވެސް އިސްރާއީލު ސަރުކާރުން އަމުރުކޮށްފައި ވެއެވެ. އޭގެ ބައެއް ސްކޫލްތައް ހަލާކުކޮށްލުން މަޑުޖެހިފައިވަނީ ކޯޓުގައި މައްސަލަ ހިނގަމުންދާތީއެވެ.
ދުނިޔެއިންދަނީ، މިފަދައިން ކަން ނުކުރުމަށް އިސްރާއީލަށް ގޮވައި އިލްތިމާސްކުރަމުންނެވެ.