ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގައުމަށް ގައްދާރުވީމަ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮންނަން ނުފެންނަ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހިންނަށް ގެއްލުނު ބަޔާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދާ މެދު ގޮތެއް ނިންމުމުގެ މައްސަލާގައި، ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ކަނޑުގެ ސަރަހައްދެއް ގެއްލޭގޮތަށް ސަރުކާރުން ނިންމުމުން ޖުމްހޫރީ ޕާޓީ ސަރުކާރާއެކީ ކުރިއަށްދާން މިހާރު ނުޖެހޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެއީ މިވަރުގެ ބޮޑު ޖަރީމާއެއް ހިންގީމަ މިވަރުގެ ބޮޑު ޢައްދާރުވުމެއް ދިވެހިންގެ މައްޗަށްވީމަ އަޅުގަނޑުމެންގެ އިގްތިސާދީ ސަރަހައްދުން ބައެއް ހަމަ ކަނޑައެޅިގެން ގަސްދުގަ މި ސަރުކާރުން ދޫކޮށްލީމަ ދެން އަޅުގަނޑުމެން މި ސަރުކާރާއެކު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮންނާކަށް ނުޖެހޭނެ. ސަރުކާރާއެކީ ތިބުމަކީ ހަގީގަތުގައި ވަރަށް ލަދުވެތި ކަމެއް. އަޅުގަނޑުމެންނެއް ސަރުކާރާއެކު ތިބިގެންނުވާނެ."
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

ޖޭޕީގެ ގައުމީ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާނެކަން ފާހަގަކުރައްވާ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ސަރުކާރު ބަދަލުވެ ޗާގޯސް މައްސަލައަކީ ބަލަން ފަސޭހަވާނެ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލާގައި ދެން ކުރިއަށްދާން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި އެހެންނަމަވެސް ރާއްޖެއަށް ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި އިޓްލޮސްއިން ނިންމި ނިންމުމަކީ ބަދަލުނުކުރެވޭނެ ކަމެއް ނޫންކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ކަނޑުގެ ސަރަހައްދެއް ގެއްލޭގޮތަށް، ހުސްވި އޭޕްރިލް މަހުގެ 28 ވަނަ ދުވަހު، އިޓްލޮސް އިންވަނީ ނިންމާފައެވެ.

މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް، ސަރުކާރުން ބުނަމުން އައީ، އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއަށް އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)ގެ ގޮތުގައި ލިބުނުބައި ބޮޑުވީ ކަމަށެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. އިޓްލޮސްގައި ކުރިއަށް ގެންދިޔަ ޝަރީއަތުން ނިންމި ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ މަސްވެރިކަމަށް ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ ތެރެއިން ގާތްގަނޑަކަށް 44،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލޭނެކަމަށް ކަމުގެ މާހިރުން ބުނެއެވެ.