1444 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ބައެއް ކުންފުނިތަކުން އުސޫލާ ޚިލާފަށް ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އަދި އެއްވެސް ފިޔަވަޅެއް ނާޅާކަން އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ޙައްޖަށް މީހުންގެންދިއުމަށް ހުއްދަދީފައިވާ ބައެއް ކުންފުނިތަކުން އުސޫލާ ޚިލާފަށް ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގަމުންދާ މައްސަލަ މިނިސްޓްރީން ބަލަން ފެށީ މިމަހުގެ 3 ވަނަ ދުވަހުގައެވެ.
އެ މައްސަލަ ބެލުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން، "ވީނިއުސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްރެކެޓިވް ޑިރެކްޓަރ މުރުޝިދް އަބްދުލް ހަކީމް ވިދާޅުވީ، އެ މައްސަލައަކީ އާއްމު ފަރާތަކުން ހުށަހަޅައިފައިވާ މައްސަލައެއް ކަމަށާއި، އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.
އެގޮތުން އެ މައްސަލަ ބެލުމުގައި މިނިސްޓްރީން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެ މައްސަލަ ކަށަވަރު ކުރުން ކަމަށް މުރުޝަދު ވިދާޅުވިއެވެ.
ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ކާމިޔާބުކުރި ފަރާތްތަކަށް ރަސްމީކޮށް ހުއްދަދިނުމާއި ގުޅުންހުރި ކަންކަން އަދި މިނިސްޓްރީން ނުފަށާކަން ފާހަގަކުރައްވާ މުރުޝަދު ވިދާޅުވީ، ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ބައެއް ކުންފުނިތަކުން އިތުރަށް ފައިސާ ނަގަމުންދާކަމުގެ ޝަކުވާ ލިބުމުން، މިނިސްޓްރީން އެކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ވަގަށް ހިނގާ މުވާމަލާތްތައް ވެގެންދާނީ ޖިނާއީ ކުށަކަށް ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވަނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ.
ހުއްދަ ދިން ތިން ކުންފުންޏަށް ވެސް 90 ކޯޓާ ދީފައިވާއިރު ހައްޖަށް ގެންދިއުމުގެ އަގު އުޅެނީ އެވްރެޖްކޮށް 75،000 ރުފިޔާގަ އެވެ. ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 5ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތަކީ 1 އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ.
ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެކެވެ.