އިނގިރޭސިވިލާތުގެ ޓައުނެއް ކަމަށްވާ، ބްރިންގްލިންގްޓަންގެ ގޮނޑުދޮށަށް ލެއްގި ބޮޑުމަހަކަށް ގިނަ ފަތުރުވެރިންތަކެއްގެ ޝައުގުވެރިކަން ހުއްޓިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ދިގުމިނުގައި 17 މީޓަރު ހުރި މި ބޮޑުމަސް، ގޮނޑުދޮށުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިލުމަށްފަހު މަރުވީ މިދިޔަ ހޯމަދުވަހުއެވެ.

ބޮޑުމަސް މަރުވެފައި އޮތް މަންޒަރު ބަލަން ގިނަބަޔަކު ގޮނޑުދޮށަށް ގޮސް، އެ މަހާ އެކު "ސެލްފީ" ނަގަމުންދާތީ، އެ ބޮޑުމަހަކީ ޓޫރިސްޓް އެޓްރެކްޝަނެއްގެ ގޮތުގައި ގިނަ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިންގެ ޝައުގުވެރިކަން އަމާޒުވެފައިވާ މި ބޮޑުމަސް ނެގުމުގެ މަސައްކަތް ކުރަން ތައްޔާރުވަމުންދާކަމަށް، ބްރިންގްލިންޑަންގެ ޔޯކްޝަޔާ ކައުންސިލުން ވަނީ ބުނެފައެވެ.

ނަމަވެސް، އެ މަސައްކަތުގައި ގިނަ ގޮންޖެހުންތައް ހުރިކަމަށާއި، އެ ބޮޑުމަސް ގޮނޑުދޮށުން ނަގާއިރު، އޭގެ ހަށިގަނޑު ކަފާލަން ޖެހިދާނެކަމުގެ ކަންބޮޑުވުންތައް ހުރިކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލުން ބުނިގޮތުގައި، އެ ކައުންސިލްގެ އުއްމީދަކީ، އެ ބޮޑުމަސް، ކަފާނުލައި އޭތި ނެގުމެވެ.

ޔޯކްޝަޔާ ކައުންސިލްގެ ތަރުޖަމާނު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ބޮޑުމަހުގެ ހަށިގަނޑު އަތިރިމަތިން ނަގާނީ، އޭގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމަށާއި، އެ މަސައްކަތް ކުރާނީ، ކަމާބެހޭ މާހިރުންގެ ލަފާގެ މަތިންކަމަށެވެ.

އަދި އެ މަސައްކަތް ކުރަމުންދާއިރު، ބްރިންގްލިންޓަންގެ ބައެއް މަގުތައް ބަންދުވާނެތީ، އެ ސަރަހައްދުގެ ރައްޔިތުންގެ ކިބައިން މިކަމަށް އެއްބާރުލުން ދިނުމަށް ވެސް ކައުންސިލްގެ ތަރުޖަމާނު ވަނީ އެދިފައެވެ.

ކައުންސިލްގެ ތަރުޖަމާނު ވަނީ، މިއީ އެ ކައުންސިލަށް ކުރިމަތިވި އެންމެ އުނދަގޫ އަދި އެންމެ ބޮޑު އެއް އޮފަރޭޝަންކަމަށް ބުނެފައެވެ.

ބޮޑުމަސް މަރުވެފައި އޮތުމުން، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ދިމާވެދާނެ ސިއްހީ މައްސަލަތަކެއް ހުރުމުން، އެ މަހާ ކައިރިނުވުމަށް ވެސް އެ ކައުންސިލުން ވަނީ އާންމުންނަށް އަންގާފައެވެ.