ކޮވިޑް-19 ބަލީގައި ރާއްޖޭން މީހަކު މަރުވެއްޖެއެވެ.
މިއާއެކު ރާއްޖޭން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 314 އަށް އަރާފައެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި 91 މީހަކަށް ކޮވިޑް ޖެހިގެން ރެކޯޑުކޮށްފައި ވެއެވެ. އެއީ މާލޭ ސަރަހައްދުން 48 މީހަކާއި އަތޮޅުތެރެއިން 16 މީހަކާއި ސިނާއީ ރަށްރަށުން 27 މީހެކެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 16 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖޭން ކޮވިޑް ޖެހުން މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 186526 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުވަނީ އުވާލައިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ކޮވިޑް-19 ފެތުރުމަކީ މިހާރު މުޅި ދުނިޔޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިމަރޖެންސީ ކޮމެޓީގެ 15 ވަނަ ބައްދަލުވުމަށްފަހު ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށް ލަފާއަރުވާފައިވާ ކަމަށެވެ.
ޑރ. ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަދުވެގެން 20 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި އެއީ ރަސްމީކޮށް ރިޕޯޓްކުރި ހަތް މިލިއަނަށްވުރެ މާ ގިނަ އަދަދެއް ކަމަށެވެ.