އިސްރާއީލުގެ އުދުވާނީ އިސްތިއުމާރީ ނިރުބަވެރި ބާރުތަކުން ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ 12 މީހުން ޝަހީދުކޮށްލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، އިސްރާއީލުގެ ނިރުބަވެރި ސަލާމަތީ ބާރުތަކުން ވަނީ، ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުރި މީހުން ދިރިއުޅޭ އިމާރާތަަކަށް ވެސް ހަމަލާއެއް އަމާޒުކޮށްފައެވެ. މި ހަމަލާގައި އެ އިމާރާތް ބިމާ ހަމަވިއިރު، ހަމައެކަނި އެ އިމާރާތުން އަށް މީހަކުވަނީ ޝަހީދުވެފައެވެ.

އިސްރާއީލުގެ ރޮކެޓް ހަމަލާތަކާއި ބޮމުގެ ހަމަލާތައް އާންމުންގެ ގެދޮރަށް އަމާޒުކުރާތީ ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ އިސްލާމީ ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އިސްރާއީލުގެ އުދުވާނުގައި ފަލަަސްތީނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ ފަލަސްލަތީން އިސްލާމިކް ޖިހާދު މޫވްމަންޓް (ޕީއައިޖޭ)ގެ ތިން ލީޑަރަކުވަނީ ޝަހީދުކޮށްލާފައެވެ.

ޕީއައިޖޭއިން ބުނީ އިސްރާއީލުގެ ހަމަލާތަކުގައި އެ ޖަމާއަތުގެ ތިން ލީޑަރުން ކަމަށްވާ ޖިހާދު އަލް ގަންނަމް، ޚަލީލް އަލް ބަހްތީނީ އަދި ތާރިގު އިއްޒު އަލްދީން ޝަހީދުވެފައިވާ ކަމަށެވެ. އަދި ޝަހީދުވި އިތުރު މީހުންގެ ތެރޭގައި އެ ލީޑަރުންގެ އަނބިދަރިން ވެސް ހިމެނޭ ކަމަށެވެ.

ފަލަސްތީނު އިސްލާމިކް ޖިހާދުގެ ހަރަކާތުގެ ތަރުޖަމާނު ތާރިގު ސެލްމީ ވަނީ އިސްރާއީލުން ދިން ހަމަލާތަކަށް ރައްދުދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދަކީ އިރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތައް އަނބުރައި ހޯދާ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުމުގެ މަޤްޞަދުގައި 1981 ވަނަ އަހަރު އުފެއްދި މުޖާހިދުންގެ ޖަމާއަތެކެވެ.

ފާއިތުވި ދެހަފުތާއެއްހައި ދުވަހު، ފަލަސްތީން-އިސްރާއީލުގެ މަސްރަހު ގޯސްވެގެން މިއުޅެނީ، އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ޚާދަރް އަދްނާން، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަންފެށިތާ ތިންމަސްފަހުން އޭނާ މަރުވުމާ ގުޅިގެން އެކަމުގެ ރުޅީގައެވެ.

އެކަމުގެ ރުޅީގައި ޣައްޒާ ތެރެއިން އިސްރާއީލުގެ ތެރެއަށް 22 ރޮކެޓް ހަމަލާ ދިނުމުން، އިސްރާއީލުން ވަރުގަދަ ހަމަލާތައް ދޭން ފެށިއެވެ. ރައްދުގައި ޣައްޒާއިން ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.

އެއްވެސް ޝަރީއަތަކާ ނުލައި، އިސްރާއީލުން ޚާދަރް އަދްނާން ޖަލަށް ލައި ބަންދުކޮށްގެން ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ.

އިސްރާއީލުން ޚާދަރް އަދްނާން އެކި ފަހަރުމަތިން ހައްޔަރުކޮށް ޖަލަށްލައިގެން އުޅޭތާ ވިއްސަކަށް އަހަރު ވެދާނެއެވެ.

ޚާދަރް އަދްނާން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށުމުން އިސްރާއީލުން އެކަމާ އަޅައެއް ނުލިއެވެ. ޚާދަރް އަދްނާންގެ ސިއްހީ ހާލަތު ގޯސްވެ، އޭނާއަށް އިމަޖެންސީ ސިއްހީ ފަރުވާ ބޭނުންވާ ކަމަށާއި، އޭނާ މަރުވެދާނޭ ކަމަށް ފަލަސްތީނުންނާއި، އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ގޮވާލުމުންވެސް އިސްރާއީލުން އެއްވެސް އަޅާލުމެއް ނުދިނެވެ.

ޖަލުގައި ފަރުވާއެއް ނުދިންތާ، ހޮސްޕިޓަލަކަށް ވެސް ނުގެންދިޔައެވެ.

ޚާދަރް އަދްނާން އަންގާރަދުވަހު ނިޔާވުމާ ގުޅިގެން ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، މިއީ ކަނޑައެޅިގެން އިސްރާއީލުން ހިންގި ގަތުލެއް ކަމަށެވެ. ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ބުނެފައިވަނީ، ޚާދަރް އަދްނާން ނިޔާވީ ޝަހީދު މަރެއްގައި ކަމަށެވެ.

ފަލަސްތީނުގެ އިތުރުން، ދުނިޔޭގެ އެތައް ބަޔަކުވެސް ޚާދަރް އަދްނާން ނިޔާވުމާ ގުޅިގެން އިސްރާއީލު ކުށްވެރިކުރަމުން އެބަގެންދެއެވެ.