ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ވަނީ ފަރުޟު ޙައްޖުވުމަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން މި ހިނގާ 1444 ވަނަ އަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފަރުޟު ޙައްޖުވުމަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ 09 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްބަސްވުން ޤާއިމުކޮށް މެއި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ޕެންޝަން އޮފީހަށް އެކަން އެންގުމަށް އެ އޮފީހުން އެދެއެވެ.

ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން މީހުން ހައްޖަށް ފޮނުވީ 2019 ވަނަ އަހަރު 13 މީހެކެވެ. ފަރުޟު ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ހަރަދުގެ 50 އިންސައްތަ ދޭ އިރު އެއްފަހަރު ހައްޖަށް ގޮސްފައިތިބޭ މީހުންނަށް ދެވަނަ ފަހަރަށް ފަންޑުގެ އެހީގައި ދިއުމުގެ ފުރުސަތެއް ނުލިބެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.

ހައްޖަށް މީހުން ގެންދިއުމަށް މިފަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ.

ހުއްދަ ދިން ތިން ކުންފުންޏަށް ވެސް 90 ކޯޓާ ދީފައިވާއިރު ބާކީ ކޯޓާތައް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. ހައްޖަށް ގެންދިއުމުގެ އަގު އުޅެނީ އެވްރެޖްކޮށް 75،000 ރުފިޔާގަ އެވެ. ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތަކީ 1 އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ.