އައިއެޗްއެފް ޓްރޮފީ 2023 މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ދެ ހޭންޑްބޯލް ޓީމެއް ބަންްގްލަދޭޝްއަށް ދާން ތައްޔާރުވެއްޖެއެވެ.
މިމުބާރާތަކީ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.
މިމަހުގެ 13 ވަނަ ދުވަހު ފަށާ ބައިނަލްއަޤްވާމީ ފެންވަރުގެ މިމުބާރާތުގައި ވާދަކުރަން ރާއްޖޭގެ ދެޓީމެއް ބަންްގްލަދޭޝްއަށް ފުރުމަށްވަނީ ހަމަޖެހިފައެވެ.
މިގޮތުން، ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ހޭންޑްބޯލް ޓީމެއް އަދި 19 އަހަރުން ދަށުގެ އަންހެން ހޭންޑްބޯލް ޓީމެއް މިމުބާރާތަށް ރާއްޖޭން ދާނެއެވެ.
މި ދެޓީމަށް ޖާޒީ ހަވާލުކުރުމުގެ ހަފުލާ ހަވީރު ވަނީ ބާއްވާފައެވެ.
އައިއެޗްއެފް ޓްރޮފީ 2023 ގައި ރާއްޖެ ތަމްސީލްކުރާ ދެޓީމަށް ޖާޒީ ހަވާލުކުރަން މާފަންނު ސޯޝަލް ސެންޓަރުގައި ބޭއްވި ކުލަގަދަ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.
މިހަފުލާގައި މިނިސްޓަރ މަހުލޫފްވަނީ ދެ ޓީމުގެ ކުޅުންތެރިންނަށްވެސް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.
މުބާރާތަށް ދާންވާނީ އިންޑިއާވިޔަސް އަދި ބަންގްލަދޭޝްވިޔަސް ބަލިކުރުމުގެ އަޒުމުގައި ކަމަށާއި ކޮންމެ ކުޅުންތެރިއެއްގެ އަޒުމަކަށް ވާންވާނީ މޮޅުވުން ނުވަތަ ހޯދުނު އެންމެ ގިނަޔަކުން ޕޮއިންޓް ހޯދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހަފުލާއަށް ފަހު، "ވީނިއުސް" އާ ވާހަކަދައްކަވަމުން، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ، މިމުބާރާތުގައި ރާއްޖޭން ފުރަތަމަ ބައްދަލުކުރާނީ ބަންގްލަދޭޝްއާ ކަމަށެވެ. އެއަށްފަހު އިންޑިއާ އަދި ނޭޕާލާ ބައްދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު މުޖުތަބާ ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިމުބާރާތަކީ ކާމިޔާބު ހޯދޭނެ މުބާރާތެއް ކަމަށާއި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުވެސް އަދި ވައިގަދަ ވިއްސާރަ ދުވަސްވަރުވެސް ކުޅުންތެރިން ހިތްވަރު ދޫނުކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ކަމަށެވެ.
މިމުބާރާތަށް ފަރިތަކުރުންތައް އިންޓަރ ސްކޫލް މުބާރާތަށް ފަހު ފަށާފައިވާ ކަމަށާއި ރާއްޖޭގެ ޒުވާން ދެޓީމުގެ ހުނަރު ފެނިގެންދާނެ މުބާރާތަކަށް އައިއެޗްއެފް ޓްރޮފީ ވެގެންދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތްކަމަށް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ފެބްރުއަރީ މަހު އޮތް އިންޓަރ ސްކޫލް މުބާރާތުން ފާހަގަކޮށްލެވުނު ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި ތަމްރީންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަހުމަދު މުޖުތަބާ ވަނީ ބެލެނިވެރިންނާއި ހޭންޑްބޯލް މޯލްޑިވްސްގެ މުޅި ޓީމު މުބާރާތަށް ތައްޔާރުވުމަށް ވަކިން ހާއްސަކޮށް ދަރިވަރުން ތައްޔާރުކުރުމަށް ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވާފައެވެ.
އަދި ކުޅިވަރާއި ކުޅިވަރު މުބާރާތްތަކުގެ މައުލޫމާތު އާންމުންނަށް ގެނެްސްދިނުމުގައި މީޑިއާގެ ރޯލް ފާހަގަކުރައްވައި އޭނާވަނީ ހޭންޑްބޯލް މޯލްޑިވްސްއަށް އަދި ރާއްޖޭގެ ހޭންޑްބޯލްއަށް ވަކިން ހާއްސަކޮށް ވީމީޑިއާއިން ދޭ އަހައްމިއްޔަތުކަަމަށް ޝުކުރު އަދާކުރައްވާފައެވެ.
އަންހެން ކުދިންގެ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން ޓްރޮފީ އޮންނާނީ މިމަހުގެ 13-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެއެވެ. މުބާރާތުގައި ރާއްޖެއާ އެކު އަށް ގައުމަކުން ވާދަކުރާނެއެވެ. އެއީ ނޭޕާލް، ސްރީލަންކާ، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޔަމަންއެވެ.