ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން، ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކާއި، ވަރުގަދަ މުޒާހަރާތަކެއް ފެށިއްޖެއެވެ.
ޕާކިސްތާން ފުލުހުން އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ، ވެރިރަށް އިސްލާމްއާބާދުގެ ކޯޓަށް، ހާޟިރުވިކަމަށް ސޮއިކުރައްވަން އަންގާރަދުވަހު ވަޑައިގެންނެވި ވަގުތުއެވެ.
އިސްލާމްއާބާދު ހައި ކޯޓުގެ ގޯތިތެރެއިން ފުލުހުން އިމްރާން ޚާން ހައްޔަރު ކޮށްގެން ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް، އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން އާންމުކޮށްފައި ވެއެވެ.
ތަހްރީކޭ އިންސާފް ޕާޓީން ބުނެފައިވަނީ، އިމްރާން ޚާން ވަޑައިގަންނަވަނިކޮށް ފުލުހުން ކުއްލިއަކަށް އަރައިގަނެ، އިމްރާން ޚާންގެ ގައިކޮޅުގައިވެސް ތަޅައިގަނެ ގަދަކަމުން ހައްޔަރުކުރީ ކަމަށެވެ.
އިސްލާމްއާބާދު ހައިކޯޓުން ފަހުން ބުނެފައިވަނީ، އިމްރާން ޚާން ހައްޔަރުކޮށްފައިވަނީ ގާނޫނީ އިމުގެތެރެއިން ކަމަށެވެ.
އިމްރާން ޚާން ހައްޔަރުކުރީ، އޭނާގެ މައްޗަށް ކުރެވިފައިވާ އެތައް ތުހުމަތުތަކުގެ ތެރޭގައި ހިމެނޭ، ގާދިރު ޓްރަސްޓާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލާގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އިމްރާން ޚާން ހައްޔަރު ކުރުމާއެކު ޕާކިސްތާނުގެ ހުރިހާ ހިސާބެއްގައި އިމްރާން ޚާންގެ ސަޕޯޓަރުން ވަރުގަދަ މުޒާހަރާތަކެއް ވަރަށް އަވަހަށް ފަށާފައިވާއިރު، ލާހޫރުގައި ހުންނަ ފުލުހުންގެ އެންމެ އިސް ވެރިޔާގެ ގެކޮޅަށްވެސް ބަޔަކު އަރައިގެންފައި ވެއެވެ.
އަދި ރާވަލްޕިންޑީގައި ހުންނަ ސިފައިންގެ މައި މަރުކަޒުގެ ގޭޓުވެސް ހިސާރުކޮށްފައި ވެއެވެ.
ލަހޫރުގެ އިތުރުން، ކަރާޗީގައި ފުލުހުންވަނީ، އިމްރާން ޚާންގެ ސަޕޯޓަރުންނަށް ކަރުނަގޭހާއި، ޕްރެޝަރު ފެންހޮޅިން ހަމަލާދީ ރޫޅާލަން މަސައްކަތް ކޮށްފައެވެ. ވެރިރަށް އިސްލާމްއާބާދުގެ ބައެއް މަގުތައްވެސް އިމްރާން ޚާންގެ ސަޕޯޓަރުން ބަންދުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިމްރާން ޚާންގެ ސަޕޯޓަރުން ގިނަވެފައި، މުޒާހަރާތައް ވަރުގަދަވުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މަސްރަހް އިތުރަށް ގޯސްވާނެކަން އެނގޭތީ، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ، ބައެއް ރީޖަންތަކުން ޓްވިޓަރ، ފޭސްބުކް އަދި ސޯޝަލް މީޑިއާ އެހެން ޕްލެޓްފޯމްތަކުގެ ޚިދުމަތް ކަނޑާލައި، އިންޓަރނެޓްވެސް ބްލޮކޮށްފައެވެ.
މިކަމާހެދި، އިންޓަރނެޓުގެ ޚިދުމަތް ވަގުތުން ގާއިމްކުރަން، އެމްނެސްޓީ އިންޓަރނޭޝަނަލްއިންވަނީ، ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށް ގޮވާލާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން މިހާރު މަޝްވަރާ ކުރަމުންދަނީ ދެން އަޅާނެ ފިޔަވަޅަކާ މެދުގައެވެ.