ފ. އަތޮޅުގެ ދެ ދާއިރާއަކުން، ރާއްޖޭގެ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ 100 އަށްވުރެ ގިނަ މީހުން ގުޅިއްޖެއެވެ.

އެ އަތޮޅުގެ ނިލަންދޫ ދާއިރާއިން 56 މެމްބަރުން ޖޭޕީއާ ގުޅިފައިވެއެވެ. އަދި ބިލެއްދޫ ދާއިރާއިން 60 މެމްބަރަކު ގުޅިފައިވެއެވެ. މިއާއެކު އެ ދެ ދާއިރާއިން މިއަދު ޖޭޕީއާ ގުޅުނު މެމްބަރުންގެ ޖުމްލަ އަދަދަކީ 116 އެވެ.

މި ހުރިހާ މެމްބަރުންގެ ފޯމުތަކާ ވެސް ޖޭޕީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، އޮނަރަބަލް ޤާސިމް އިބްރާޙީމް އެވެ.

ފ. އަތޮޅުން ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ތެރޭގައި، މިދިޔަ ދައުރުގައި ފ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްކަން ކުރެއްވި މަހުމޫދު އަހްމަދު ވެސް ހިމެނެއެވެ.

ޕާޓީއާ ގުޅުނު ސަބަބު ހިއްސާކުރަމުން މަހުމޫދު ބުނީ، ގައުމު މި ވަގުތު އޮތް ހާލަތުން ސަލާމަތްކުރުމަށް، ޖޭޕީއާ ގުޅިގެން މަސައްކަތްކުރުމަކީ ގައުމީ ވާޖިބެއްކަމަށް ދެކޭކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ ބޭފުޅުންގެ ތެރެއިން، ގައުމު މިއަދު އޮތް ހާލަތުން ސަލާމަތްކޮށް، ރަނގަޅު މިސްރާބަކަށް މި ގައުމު ގެންދެވޭނެ ވެރިއަކީ ޤާސިމް ކަމަށް ދެކޭކަމަށް މަހުމޫދު ބުނެފައިވެއެވެ.

އަލަށް ގުޅުނު މެމްބަރުންގެ ތެރޭގައި މިދިޔަ ދައުރުގައި ފ. ދަރަނބޫދޫ ކައުންސިލްގެ ރައީސް، އަލީ މުހައްމަދު ވެސް ހިމެނެއެވެ. މީގެކުރިން އެމްޑީޕީގައި މަސައްކަތްކޮށްފައިވާ އަލީ މުހައްމަދު ބުނީ، މިއަދު އެމްޑީޕީ ފެންނަން އޮތީ ވަރަށް "ތާކުންތާކު ނުޖެހޭ" ޕާޓީއެއްގެ ގޮތުގައި ކަމަށާއި، ޖޭޕީއާ ގުޅެން ނިންމީ، ގައުމު މިއަދު މި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް، ދިވެހި ރައްޔިތުން ސަލާމަތްކުރެވޭނެ ލީޑަރެއްގެ ގޮތުގައި ފެންނަނީ ހަމައެކަނި ޤާސިމް އިބްރާޙީމް ކަމަށް ވާތީ ކަމަށެވެ.

ޕާޓީއާ ގުޅިގެން ދެން މަސައްކަތްކުރާނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކީ ޤާސިމް އިބްރާޙީމަށް ހެދުން ކަމަށާއި، މި އަޒުމުގައި މިންނެތް މަސައްކަތްތަކެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފ. އަތޮޅުގެ ދެ ދާއިރާއަކުން 116 މެމްބަރުން ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނުއިރު، ހޯމަ ދުވަހު ވެސް އެ ޕާޓީއާ އަތޮޅުތެރެއިން ގިނަ އަދަދެއްގެ ބަޔަކު ގުޅިފައިވެއެވެ. އެގޮތުން މާމިގިލީ ދާއިރާއިން ޖުމްހޫރީ ޕާޓީއާ މުޅިން އަލަށް 116 މެމްބަރުން އެ ދުވަހު ގުޅިފައިވެއެވެ. އެ ފޯމުތަކާ ވެސް ހަވާލުވެވަޑައިގެންނެވީ ޤާސިމް އިބްރާޙީމްއެވެ.

ޕާޓީއާ އަލަށް ގުޅޭ ހުރިހާ ފަރާތްތަކަށް ވެސް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޤާސިމް މަރުހަބާ ދަންނަވާއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޖޭޕީން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް، ޤާސިމް ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ދައުވަތު ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ޤާސިމްއަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް ކަން އިއުލާނުކުރުމާއެކު، ސިޔާސީ ގޮތުން ހައިބަތުބޮޑު ގިނަ ފަރާތްތަކަކުން އަންނަނީ، ޤާސިމްއާއި ޖޭޕީއާ އެކުގައި މަސައްކަތްކުރުމަށް ނިންމައި، އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު އިސްވެ ހުންނަވާ ހިންގަވާ ސިޔާސީ ހަރަކާތް، ފިކުރެއްގެ ދިރުމުން ވަނީ ޤާސިމްއާއި ޖޭޕީއާއެކު މަސައްކަތްކުރަން ނިންމާފައެވެ.

ފަހަކަށް އައިސް ޖޭޕީއާ އަލަށް ގުޅިވަޑައިގަންނާވާ މެމްބަރުންގެ އަދަދު ގިނަވެފައިވާއިރު ޕާޓީއާ އަލަށް ގުޅެމުންދާ މެމްބަރުންގެ ތެރޭގައި، ގިނައަދަދެއްގެ ޒުވާނުންނާއި، ފަނުންވެރިން އަދި ކަނބަލުން ހިމެނެއެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ.