• ޝަހީދުވި މީހުންގެ ތެރޭގައި 5 ކުޑަކުދިން ހިމެނޭ

އިސްރާއީލުގެ އުދުވާނީ ސިފައިންގެ މަތިންދަ ބޯޓުތަކުން ޣައްޒާގެ އެތަން މިތަނަށް ބޮން އެލުމުގެ ސަބަބުން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ޣައްޒާއަށް މިސައިލާއި ބޮމުން ހަމަލާ ދިނުމުގެ ސަބަބުން ޝަހީދުވި މީހުންގެ ތެރޭގައި 5 ކުޑަކުދިންނާއި، 4 އަންހެނުންވެސް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާގެ އެތަން މިތަނަށް ވައިގެ ހަމަލާތައް ދެމުންގެންދާތާ 2 ދުވަސް ވެއްޖެއެވެ.

ވައިގެ ހަމަލާތައް އަމާޒުވެފައިވާ ތަންތަނުގެ ތެރޭގައި އާންމުންގެ ގެތައްވެސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަކުދިން ޝަހީދުވުމުގެ އިތުރުން، އެއް އާއިލާއަކުންވެސް އެތައް މެމްބަރުން ޝަހީދުވެފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވެސް ވެއެވެ.

ދޭތެރެ ދޭތެރެއިން އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، ޣައްޒާގެ މުޖާހިދުންވެސް ގެންދަނީ، އިސްރާއީލުގެ ތެރެއަށް ރޮކެޓާއި މިސައިލްގެ ވާރޭ އޮއްސަމުންނެވެ.

އެގޮތުން، ޣައްޒާގެ ވަށައިގެން ހަދާފައިވާ އިސްރާއީލުގެ ރަށްތަކަށް ރޮކެޓް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތައް ދެމުން ގެންދާއިރު، އިސްރާއީލުގެ ތެރެއިން ނުރައްކަލުގެ ރަނގަބީލުގެ އަޑު މެދުނުކެނޑޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ރަށްތަކުގައި އުޅޭ އިސްރާއީލުގެ ވެރިން ބިރުން ހިމާޔަތް ހޯދަން ބިންގަރާސްތަކަށް ވަދެތިބޭ މަންޒަރުގެ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.

އިސްްރާއީލުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި އެތައްބަޔަކު ޝަހީދުކުރަމުންދާއިރު، ދުނިޔޭގެ ބައެއް ގައުމުތަކުން އެކަން ކުށްވެރިކުރަމުން ގެންދެއެވެ.

ދެކުނު އެފްރިކާގެ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ނެލެޑީ ޕަންޑޯރްވަނީ، އިސްތިއުމާރީ އިސްރާއީލުގެ ވެރިން ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގޮވާލައްވާފައެވެ.

ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި އަރަބި ލީގް ކައުންސިލުންވަނީ، އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލަތަކުގެ ތަހްގީގު ވީހާވެސް އަވަހަށް ނިންމައިދިނުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގޮވާލާފައެވެ.