ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.
އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 ފެބުރުވަރީ 2022 ވީ ބުދަ ދުވަހު ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު"ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނި ތަކަށް އެކަނިކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
އަދި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މި ހިނގާ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުއިން ލިބެން ހުންނާނެކަމަށާއި ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14ވާ އާދިއްތަ ދުވަހުން ފެށިގެން މެއި މަހުގެ 23ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށް މިނިސްޓްރީގެ ކައުންޓަރުންކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 43 ކުންފުންޏަކަށް ދީފައިވާއިރު އޭގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި 12 ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ ނޮވެމްބަރުގައި ހަމަވާއިރު ބާކީ ހަތް ކުންފުނީގެ ހުއްދަ ހަމަވާނީ އަންނަ އަހަރުގެ މާޗު މަހުއެވެ.