ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މަޖިލީހުގައި މެއި މަހުގެ 11 ވަނަ ދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕާޓީތަކުން ވަނީ ބަންޑާރަ ނައިބު ރިފްއަތުގެ މައްސަލަ މަޖިލީހަށް މިހާރު ވައްދާފަކަމަށާއި ކައިރި މުސްތަގުބަލެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މައްސަލަ ވެސް ހުށަހަޅާނެ ކަަމަށް ބުނެފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ބުނީ މި ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލުމާއި ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމުގެ ޒިންމާ އަދާނުކޮށް އިހުމާލުވެފައިވާތީ ކަމަށެވެ. އަދި ސަރުކާރުން ޑިމޮކްރަސީއާއި ހިލާފް އެތައް އަމަލުތަކެއް ހިންގަމުން ދާއިރު ރާއްޖޭގެ ޝަރުއީ ނިޒާމަށްވެސް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީގެ 106ވަނަ މާއްދާގައި ގާނޫނު އަސާސީ ދަމަހައްޓައި ދިފާއުކޮށް ގާނޫނު އަސާސީއަށް އިހުތިރާމްކުރުންމަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުރުމަށް ބާރުއަޅާފައިވާއިރު މިކަން ކުރައްވާތަން ނުފެންނަ ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

ގާނޫނު އަސާސީގެ 133ވަނަ މާއްދާގައި ދައުލަތުގެ އެންމެހައި ކަންކަމުގައި ދައުލަތައް ލަފާ ދިނުމަކީ ބަންޑާރަނައިބުގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާއިރު ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިޔައިރު ގާނޫނު އަސާސީން ބަންޑާރަނައިބާއި ހަވާލުކުރި ޒިންމާ އަދާކުރައްވާފައިނުވާ ކަމަށް އިދިކޮޅުން ބުންޏެވެ.

މި މައްސަލައިގައި ގާނޫނީ ގޮތުން ކުރެވޭނެ ކިތަންމެކަމެއް ހުރިއިރު ރާއްޖޭގެ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ބަންޑާރަ ނައިބު އިހުމާލުވެފައިވާކަން އިދިކޮޅުން ފާހަގަކުރިއެވެ.

އަދި ބަންޑާރަ ނައިބުގެ މަގަމުގައި ހުންނަވައިގެން ދައުލަތާއި ރައްޔިތުންނަށް ގެއްލުން ލިބޭގޮތައް ބަދަލުދިނުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމާއި ސީދާ އިބްރާހިމް ރިފްއަތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައިވެސް އަމަލުކުރަމުން ދާގޮތުގެ ސަބަބުން އެމަނިކުފާނު ކުރެއްވި ހުވަޔާއި ހިލާފްވެފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ހާމަކުރެއެވެ.

އެހެންކަމުން މި ހުރިހާކަމަކަށް ބަލައި ގާނޫނު އަސާސީގެ 101ވަނަ މާއްދާއާއި މަޖިލީހުގެ ގަވާއިދުގެ 207ވަނަ މާއްދާގެ ދަށުން އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ހުށައަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކުރިއެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.