ހުކުރު ދުވަހު ފަށަން ނިންމާފައިވާ ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ އެންމެ ބޮޑު މަގްސަދަކީ، ބ. އަތޮޅަކީ މި ކުޅިވަރުގެ ތަރިން ގިނަ އަތޮޅަކަށް ހެދުމަށް ކަމަށް ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް ވިދާޅުވެއްޖެއެވެ.
މުބާރާތާ ގުޅޭ ވާހަކަ ހިއްސާކުރައްވާ "ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަފްރާހް ވިދާޅުވީ، ބ. އަތޮޅަކީ ފުޓްސަލްއާއި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ އަތޮޅެއް ކަމަށާއި، މި މުބާރާތުގެ މަގްސަދަކީ ދެ ޖިންސުން ވެސް ފުޓްސަލްއާއި ފުޓުބޯޅައިގެ އިތުރު ތަރިންތަކެއް އުފެއްދުން ކަމަށެވެ.
މީގެއިތުރުން ވެސް މުބާރާތް ބޭއްވުމުގެ ގިނަ މަގްސަދުތަކެއް އެބައޮތްކަމަށް އަފްރާހް ވިދާޅުވިއެވެ. އެގޮތުން، ބ. އަތޮޅަކީ ތިމާވެއްޓާއި ރައްޓެހި އަތޮޅެއްކަމަށް ވީހިނދު އަދި ފަތުރުވެރިކަން ވެސް އަތޮޅުގައި ވަރަށް ބޮޑަށް ފުޅާވެގެންދާއިރު، މުބާރާތް މެދުވެރިކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންނުކުރުމަށް ރައްޔިތުންނަށް ބާރު އެޅުން އެއީ ބޮޑު މަގްސަދެއްކަމަށް ވިދާޅުވިއެވެ.
އަފްރާހް ވިދާޅުވީ، މުބާރާތް އިއުލާނުކުރި ދުވަހުން ފެށިގެން ވެސް އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކުންނާއި ރައްޔިތުންގެ ކިބައިން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި މުބާރާތް އިތުރަށް ފުރިހަމަކުރާނެ ގޮތްތަކާމެދު ވެސް އެ ހުރިހާ ފަރާތްތަކަކުން ވެސް ހިޔާލުތައްދީ ހެދިކަން އަފްރާހް ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ޝައުގުވެރިކަމާއި އެއްބާރުލުން ކައުންސިލަށް މިފަދަ މުބާރާތް ބޭއްވުމަށް އޮތްކަން ފާހަގަކުރެވުނުކަން އުފަލާއެކު އަފްރާހް ހިއްސާކުރެއްވިއެވެ.
ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ހޯސްޓު ކުރާނީ ބ. ދަރަވަންދޫއިންނެވެ. މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ދަރަވަންދޫއަށް ލިބުނީ، ޕްރޮޕޯސަލް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު، ޕްރޮޕޯސަލް ހުށަހެޅި ހަމައެކަނި ރަށަކީ ދަރަވަންދޫއަށް ވާތީއެވެ.
އަފްރާހް ވިދާޅުވީ، ހުޅުވާލި ފުރުސަތުގައި އެހެން ރަށްރަށުން ޕްރޮޕޯސަލް ހުށަނޭޅީ، ފުރަތަމަ މުބާރާތް ބާއްވަން އެންމެ ރަނގަޅު، އެންމެ ޤާބިލް ރަށަކީ ދަރަވަންދޫކަމަށް އެ ރަށްރަށުން ވެސް ދެކޭތީ ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ ޓީމުތަކުގެ ޓީމް ލިސްޓުގައި ޖެހޭނީ ހަމައެކަނި ބ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް އަދި ބ. އަތޮޅަށް ނިސްބަތްވާ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށެވެ. ބޮޑުއަގުދީގެން އެހެން ކުޅުންތެރިން ގެނައުމަށް އަތޮޅު ކައުންސިލުން ބާރު ނާޅައެވެ. ކައުންސިލުން ގަބޫލުކުރާ ގޮތުގައި އަތޮޅުގައި ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދޭނީ ހަމައެކަނި އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތުދީގެންނެވެ.
ހުކުރު ދުވަހުގެރޭ މުބާރާތް ފަށާއިރު، އެންމެފަހުގެ ތައްޔާރީތައް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާލެވިފައިކަން އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް ހާމަކުރެއްވިއެވެ.
ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކީ ވީމީޑިއާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވީމީޑިއާ ހަމަޖެއްސި ސަބަބު ވެސް އަފްރާހް ހިއްސާކުރެއްވިއެވެ.
މުބާރާތް ކުރިއަށް ގެންދާއިރު، އަތޮޅު ރައްޔިތުންގެ ކިބައިން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަފްރާހް ވަނީ އެދުމެއް އެދިފައެވެ. އެއީ ޓީމުތަކުން ވެސް އަދި ރަށްރަށުން ވެސް އަދި ކައުންސިލްތަކުން ވެސް، ގުޅިގެން، މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދޭތޯ މަސައްކަތްކޮށްދިނުމަށެވެ.
ދެ ޑިވިޝަނުގެ ވެސް ޗެމްޕިއަން ޓީމަށް، ކޮންމެ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމުތަކަށް، ކޮންމެ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ މި މުބާރާތުގައި، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި، އިނާމު ދިނުމަށް ވެސް ބ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މުބާރާތުގެ ދެ ޑިވިޝަނުގެ ކުޅުންވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ، ގްރޫޕް ސްޓޭޖުގައި ބަހާލާފައިވާ ދެ ގުރޫޕުން، ކޮންމެ ގުރޫޕެއްގެ ވެސް ހަތަރު ޓީމު އެއް ޓީމު އަނެއް ޓީމާ އެއްމެޗު ކުޅެ، ގްރޫޕް ސްޓޭޖުގެ އެންމެގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ކޮންމެ ގުރޫޕަކުން ވެސް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީގެ ދެ މެޗުން މޮޅުވާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.
ހައިބަތުބޮޑު ފުޓްސަލް މުބާރާތަކަށް ބ. އަތޮޅު ކައުންސިލުން ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާއެވެ.
ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ހުރިހާ މެޗެއްގެ އެންމެފަހުގެ މައުލޫމާތުތައް ވީނިއުސް އިން ގެނެސްދޭނެއެވެ. އަދި ފައިނަލް މެޗުތައް ވީޓީވީ މެދުވެރިކޮށް، ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.