ފާފަކުރުމަށްފަހު އެކަން ފާޅުކޮށް ހާމަކުރުމަކީ ހުތުރު އަމަލެއްކަމަށާއި އެއީ ނަބިއްޔާ މަނާކުރައްވާފައިވާ ކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ފާފައިގެ އަސަރު" މި މައުޟޫއުއަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އަޑު އިވިގެންދިޔަ މިއަދުގެ ހުތުބާގައިބުނީ މާތް ﷲއަށް އުރެދުމެެއްވާ ކޮންމެ ކަމަކީ ފާފައެއްކަމަށާއި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއްކަމަށެވެ.

އަދިި އިސްވެދިޔަ އުއްމަތްތަކުގެ ތެރެއިން ފާފަކުރުމުގައި ހައްދުފަހަނައަޅާދިޔަ މީހުންނަށާއި ހުތުރުކަން ބޮޑު ފާފަތަކަށް އަރައިގަންނަމުންދިޔަ ގައުމުތަކުގެ މީހުންގެ މައްޗަށް މާތް ﷲ ވަނީ ވަރުގަދަ އުގޫބާތާއި އަޒާބު ފޮނުއްވާފައިކަމަށްވެސް ހުތުބާގައި ހަނދާންކޮށްދިނެވެ.

އެހެންކަމުން ފާފައަކީ އެކަން ކުރާ މީހާގެ އިތުރުން އޭގެ ސުންޕާކަން މުޅި މުޖުތަމައަށްވެސް ފޯރާ އެއްޗެއްކަމަށް ހުތުބާގައި ބުނެދިނެވެ. އަދި ބައެއްގެ މައްޗަށް ﷲގެ ކޯފާ ހޯދައިގަންނަނީ އެބައިމީހުން އަމިއްލައަށްކަމަށްވެސް ހުތުބާގައި ބުނެދިނެވެ.

"ތިޔަބައިމީހުންނަށް ޖެހޭހައި މުސީބާތެއްޖެހެނީ ތިޔަބައިމީހުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަ ފާފަތައް އަފޫ ކުރައްވަތެވެ."
ހުތުބާ

ހުތުބާގައިބުނީ މިއަދު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލި ތަކާއި މުސީބާތްތަކަކީ މިފަދަ ފާފަތަކުގެ ނަތީޖާތައްކަމަށާއި މާތް ﷲ އަށް އުރެދުމަކީ ދެދުނިޔޭގައިވެސް އެބަޔަކު ހަލާކުގެ ތެރެއަށް ވެއްޓޭނެ އަމަލެއްކަމަށްވެސް ހުތުބާގައި ބުނެދިނެވެ.

އެހެންކަމާއި އެކުވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ހިމެނޭ ބައެއް ފަރާތްތަކުން ފާފައާއިމެދު ދެކެނީ ވަރަށް ލުއިކޮށް ކަމަށާއި ނަތީޖާއަކީ ފާފަކުރުމަށް ޖެހިލުންނުވެ ސިއްރާއި ފާޅުގައި ﷲ ނަހީކުރެއްވި ފާފަތަކަށް އަރައިގަންނަމުން ދިއުންކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މުޖުތަމައުގައި މިހާރު ފެތުރޭ އެންމެ ނުބައި އާދައަކީ ފާފަކުރުމަށްފަހު އެކަން ފާޅުކޮށް ހާމަކުރަމުން ދިއުންކަމަށެވެ. އަދި މީހަކަށް ފާފައެއްކުރެވިއްޖެނަމަ އެ ފާފާ ފާޅުނުކުރާހާ ހިނދަކު ﷲ އެމީހަކަށް މައާފުކުރައްވާނެކަން ހަދީތުން ސާބިތުވާކަމަށްވެސް ހުތުބާގައި ހަނދާންކޮށްދިނެވެ.

ހުތުބާ ނިންމާލަމުންވަނީ ފާފަކުރުމަށްފަހު އެކަން ފާޅުކޮށް ހާމަކުރަމުން ދިއުމަކީ ﷲ ގެ ފަރުދާ ކަޝްފުކުރުންކަމަށް ބުނެ އެކަން އެގޮތައް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.