މިމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެއަށް 43،499 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މެއި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެއަށް 4،350 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ، 2022ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ވުރެ ދަށް އަދަދެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 48،499 ފަތުރުވެރިންނެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 731،783 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 17.1 އިންސައްތައިގެ ކުރިއެރުމެކެވެ. ކުރީ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 625،011 ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން ރާއްޖެއަށް 87،036 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 80،605 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 68،325 ފަތުރުވެރިން މި މުއްދަތުގައި ޒިޔާރަތްކޮށްފައިވެއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިޓަލީ، ޖަރުމަނުވިލާތް، ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑްގެ އިތުރުން ސައުތު ކޮރެޔާއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،238 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،234 ތަނަކުންކަމަށް ވާއިރު، އެއީ 174 ރިސޯޓާއި، 13 ހޮޓަލާއި، 899 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީއެވެ.

މި އަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.