ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ބެއިލްގެދަށުން 2 ހަފްތާއަށް މިނިވަން ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މިކަމަށް އަމުރުކުރީ އިސްލާމްއާބާދު ހައި ކޯޓުންނެވެ.
ހައި ކޯޓުން މިކަމަށް އަމުރުކުރި ނަމަވެސް، އިމްރާން ޚާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުރު މައްސަލަތަކުގައި ސުވާލު ކުރުމަށް ކަމަށްބުނެ، ފުލުހުން އަދިވެސް އޭނާ މިނިވަން ނުކުރެއެވެ. މިކަމާހެދި ލާހޯރުގައި ސުލްހަވެރި މުޒާހަރާއަކަށް އިމްރާން ޚާންވަނީ ގޮވާލައްވާފައެވެ.
ޕާކިސްތާނުގެ ފުލުހުން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރީ މިދިޔަ އަންގާރަދުވަހު، ލިޔުމެއްގައި ސޮއިކުރައްވަން އިސްލާމްއާބާދު ހައިކޯޓަށް ވަޑައިގެންނެވި ވަގުތުއެވެ.
މިމައްސަލަ ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ފުލުހުން އިމްރާން ޚާން ހައްޔަރުކުރީ ޣައިރުގާނޫނީގޮތުން ކަމަށެވެ. އެއީ، ފުލުހުން އޭނާ ހައްޔަރުކުރީ ހައި ކޯޓުގެ ގޯތިތެރެއިން ކަމަށްވާތީއެވެ.
ފުލުހުން އިމްރާން ޚާން ހައްޔަރުކުރީ، އޭނާގެ މައްޗަށް ކުރެވިފައިވާ އެތައް ތުހުމަތުތަކުގެ ތެރޭގައި ހިމެނޭ، ގާދިރު ޓްރަސްޓާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއްގައެވެ.
ނަމަވެސް، ދެ ހަފްތާގެ ބެއިލްއެއް ދިނުމަށްފަހު އިސްލާމްއާބާދު ހައިކޯޓުންވަނީ، ގާދިރު ޓްރަސްގެ މައްސަލާގައި އިމްރާން ޚާން ހައްޔަރުކޮށްގެން ނުވާނެ ކަމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.
މިދިޔަ އަންގާރަދުވަހު ފުލުހުން އިމްރާން ޚާން ހައްޔަރުކުރީ، ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން އޭޖެންސީގެ އަމުރަށް ކަމަށް ވެއެވެ.
އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން މުޅި ޕާކިސްތާނުގައި ބޮޑެތި ހަމަނުޖެހުންތައް ފެށިގެންދިޔައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި، އިމާރާތްތަކާއި، ވެހިކަލްތަކުގައި ހުޅުޖެހުމާއި، މަގުތައް ބަންދުކުރުމުގެ އަމަލުތައް ހިންގާފައި ވެއެވެ.
އަދި އިމްރާން ޚާންގެ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގާފައި ވެއެވެ.
މި ކުރިމަތިލުންތަކުގައި 9 މީހުން މަރުވެ، އާންމުންނާއި އެތައްސަތޭކަ ފުލުހުންވެސް ޒަޚަމްވިއެވެ.
އަދި ސަލާމަތީ ބާރުތަކުން 3،500 އަށްވުރެ ގިނަމީހުން ހައްޔަރުކުރިއެވެ.
އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ތުހުމަތުކުރަނީ، ސަރުކާރުން އިމްރާން ޚާންއާ ދެކޮޅަށް އެތައް ދައުވާއެއް އުފުލަމުންދަނީ، އޮކްޓޫބަރު މަހު ބާއްވާ އާންމު އިންތިޚާބުގައި އިމްރާނަށް ވާދަކުރި ނުދިނުމަށް ކަމަށެވެ.
އަދި އިންތިޚާބު ގާތްވަމުންދާއިރު، އިމްރާންގެ ފަރާތުން ސަރުކާރު ހިންގާ ކޯލިޝަނަށް ބޮޑެތި ނުރައްކާތަކާއި، ގޮންޖެހުންތައް ކުރިމަތިވަމުންދާތީ ކަމަށެވެ.