އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ބޮންއެޅުން އަދިވެސް ހުއްޓާނުލާ ކުރިއަށް އެބަގެންދެއެވެ.

ކޮންމެ ދުވަހަކުވެސް، ދޭތެރެ ދޭތެރެއިން ގެންދަނީ، ޣައްޒާގެ އާންމުންގެ ގެތަކަށާއި، އެޕާޓްމަންޓް އިމާރާތްތަކަށާއި، އަދި އާންމު މައިދާންތަކަށްވެސް ބޮމާއި މިސައިލުން ހަމަލާދެމުންނެވެ.

އިސްރާއީލުން ޣައްޒާގައި އާންމުން ދިރިއުޅޭ ގެތަކަށް ބޮންއަޅަނީ:

މި މެއިމަހުގެ 9 ވަނަ ދުވަހު، އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާއަށް ދޭންފެށި އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 33 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ތެރޭގައި 6 ކުޑަކުދިންނާއި، 3 އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ހަމަލާތަކުގައި، އިތުރު އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާ ދެމުންނެވެ.

އިސްރާއީލުގެ އުދުވާނު ހުއްޓާނުލާތީ، ޣައްޒާގެ މުޖާހިދުންގެ ޖަމާއަތްތަކުންވެސް ގެންދަނީ، ރައްދުގައި ދޭތެރެ ދޭތެރެއިން ޣައްޒާ ވަށައިގެން ހުރި އިސްރާއީލުގެ އަވަށްތަކަށް ރޮކެޓް ހަމަލާތައް ފޮނުވަމުންނެވެ.

އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް މިސައިލާއި ބޮމުން ހަމަލާތައް ދެމުންގެންދާއިރު، އިސްރާއީލުގެ ޖަރީމާތަކާއި، ކަތިލުންތައް ހުއްޓުވަން ދުނިޔެއިން މާބޮޑުކަމެއް ނުކުރެއެވެ. ކަންބޮޑުވާ ކަމަށް ބުނެ ބަޔާންތައް ނެރިލަ ނެރިލަ ތިބީއެވެ.