ބ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތް، ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި، ދަރަވަންދޫއިން ހިތާދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ދަރަވަންދޫގެ ކަނބަލުން މި މެޗު ކާމިޔާބުކުރީ 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗުހެން ކޮންޓްރޯލްކޮށް، މޮޅަށް ކުޅުނީ ދަރަވަންދޫއިންނެވެ.

މެޗު ފަށައިގެން އެޓޭކިންގް މޮޅު ގޭމެއް ކުޅެމުންދިޔަ ދަރަވަންދޫއިން ވަނީ ތިންވަނަ މިނެޓުގައި ފުލުފުލުގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާ، އޭގެތެރެއިން އެއް ހަމަލާ ގޯލުގެ ތިން ދަނޑިން އެތެރެކޮށްލާފައެވެ. އެގޮތުން ދަރަވަންދޫގެ ކެޕްޓަން ފާތިމަތު މާޒިނާ ފޮނުވާލި ބާރު ހަމަލާއެއް ހިތާދޫގެ ކީޕަރު ދިފާއުކުރުމުން، ރިބައުންސް ވެގެން އައި ބޯޅަ ހޯދައި، ދަރަވަންދޫގެ އައިމިނަތު މައުރޫޝާ ދިން ޕާހަކުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މާޒިނާ ވަނީ ދަރަވަންދޫއަށް ލީޑުނަގައިދީފައެވެ.

ދަރަވަންދޫއިން ދެވަނަ ލަނޑެއްޖަހައި ލީޑުފުޅާކުރީ ފަސްވަނަ މިނެޓުގައެވެ. އޭރިއާ ބޭރުގައި ހުރެފައި ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މައުރޫޝާއެވެ.

ލިބުނު އަނިޔާއަކާ ގުޅިގެން މި ހާފުގެ ހަވަނަ މިނެޓުގައި ދަރަވަންދޫގެ ކެޕްޓަން މާޒިނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ފާތިމަތު މާހާއެވެ.

ދަރަވަންދޫއާއި ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މި ހާފުގައި ހިތާދޫގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ 10 ވަނަ މިނެޓުގައެވެ. ސާއިދާ އުސްމާން ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދަރަވަންދޫއިން މެޗުގައި ޖެހި ތިންްވަނަ ލަނޑު ކާމިޔާބުކުރީ 13 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، މި ހާފުގައި ވެސް ގިނަ ހަމަލާތަކެއް އުފެއްދި އައިމިނަތު މައިހާއެވެ. މެޗުގައި އެ ޓީމުން ޖެހި ހަތަރުވަނަ ލަނޑު އަދި ފުރަތަމަ ހާފުގައި ފެނިގެންދިޔަ ފަހު ލަނޑު ވެސް ދަރަވަންދޫއަށް ކާމިޔާބު ކޮށްދިނިީ މައިހާއެވެ.

ދަރަވަންދޫއާއި ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ ދަރަވަންދޫއިން ދެވަނަ ހާފު ފެށީ ހަމަޖެހިލައިގެންނެވެ. އެހެންނަމަވެސް މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑުކޮށްފައެވެ. އޭރިއާ ލައިނު ކައިރިން ލިބުނު ހިލޭ ޖެހުމެއްގައި، މަރިޔަމް ޝައުފާ ޖައްސާލި ބޯޅަ، ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލީނާ އައްބާސް އެވެ. ކެޕްޓަން މާޒިނާއަށް ލިބުނު އަނިޔާއާ ގުޅިގެން މެޗުގައި އިތުރަށް ނުކުޅެވުމުން ދެން މެޗުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ޝައުފާއެވެ.

މެޗުގައި ދަރަވަންދޫއިން ޖެހި ފަހު ލަނޑު، ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މައިހާއެވެ. މިއާއެކު މައިހާ ވަނީ މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ކޯނަރަކުން މާހާ ޖައްސާލި ބޯޅައެއް، ދުރު ޕެނަލްޓީ ސްޕޮޓާ ދިމާލުގައި ހުރެފައި ވަރަށް ބާރު ބޯޅައެއް ފޮނުވާލައި، ގޯލުގެ ތެރެއަށް ބޯޅަ ވަައްދާލައިގެން މައިހާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް މައިހާއެވެ.

ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގައި ހޮނިހިރު ދުވަހު އަންހެން ޑިވިޝަނުގެ ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ހަވީރު ބައްދަލުކުރާނީ އޭދަފުއްޓާއި ގޮއިދޫ އެވެ. އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކެންދޫއާއި ދޮންފަނެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި 8 ޓީމު ވާދަކުރެއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު، ގްރޫޕް އޭގައި ހިމެނެނީ ދަރަވަންދޫ، ހިތާދޫ، ކެންދޫ އަދި ދޮންފަނެވެ. ގްރޫޕް ބީގައި ހިމެނެނީ އޭދަފުށި، ގޮއިދޫ، ކިހާދޫ އަދި މާޅޮސްއެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާއެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.