ބ. އަތޮޅުގެ ރައްޔިތުންނަށް އެ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި، ދަރަވަންދޫއާއި ފެހެންދޫގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ދަރަވަންދޫއިންނެވެ. ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގެ ތެރޭގައި ކެޕްޓަން ނާސިފް ހުސެއިން މުޅިން ހުސްކޮށްލާފައި ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައްޝަމް އަހްމަދެވެ.
އޭގެ ދެ މިނެޓުފަހުން ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ފެހެންދޫ ޓީމުން ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު ރީހާންއެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ފެހެންދޫއިން ވަނީ ދެވަނަ ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. މިއީ ކެޕްޓަން ރީހާން ޖައްސާލި ރީތި ޕާހަކުން، ގޯލު ކުރިމަތީގައި މުޅިން ހުހަށްހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަހްމަދު ނިޒާމް ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1-2 އިން ފެހެންދޫ ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ދަރަވަންދޫއިން ނުކުތީ ވަރުގަދަ އަޒުމެއްގައެވެ. އެހެންނަމަވެސް މި ހާފުގައި ވެސް ފެހެންދޫގެ ކުޅުންތެެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ދާދި ހަމަހަމަ ކުޅުމެއްގައި ދެ ޓީމުން ކުޅެމުންދިޔައިރު، މެޗުގައި ދަރަވަންދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ސާމިހު އަލީ ޝަރީފެވެ.
ދެ ޓީމަށް ވެސް މެޗުގައި އިތުރު ލަނޑުތަކެއް ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް، ދެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެހެންދޫ ޓީމުގެ ކެޕްޓަން، ރީހާން އެވެ.
ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗު ހަމަހަމަ ނަތީޖާއަކުން އެއްވަރުވިއިރު، ހޮނިހިރު ދުވަހު ފިރިހެން ޑިވިޝަނުގެ ދެ މެޗެއް ކުޅޭނެއެވެ. މި ދެ މެޗު ވެސް ރޭގަނޑު ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި މާޅޮސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ހިތާދޫއެވެ.
ފިރިހެން ޑިވިޝަން ދެ ގުރޫޕަކަށް ޓީމުތައް ބަހާލައިގެން ކުރިއަށް ގެންދާއިރު ގްރޫޕް އޭގައި ހިމެނެނީ ދަރަވަންދޫއާއި ފެހެންދޫގެ އިތުރުން، ކަމަދޫއާއި ކިހާދޫއެވެ. ގްރޫޫޕް ބީގައި ހިމެނެނީ އޭދަފުއްޓާއި ހިތާދޫ އަދި ގޮއިދޫއާއި މާޅޮސްއެވެ.
މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާއެވެ.
މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.