ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް، ގާނޫނީ އޮނިގަނޑު އިސްލާހުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
'މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް'ގެ ނަމުގައި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފާސްކޮށްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް، ގާނޫނީ އޮނިގަނޑު އިސްލާހުކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް އަދި މާލީ ދެމެހެއްޓެނިވިކަމަށް އެހީތެރިވެދިނުމުގެ ތެރެއިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެެވެ.
މިޕްރޮޖެކްޓްގެ އަމާޒަކީ ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވެދިނުމެވެ.
މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ދުނިޔޭގެ މާހައުލުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާކަމަށެވެ.
އެކަމުގެ އަސަރު ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކޮށްފައިވާކަމަށާއި، މި މަޝްރޫއުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ހުރި އިގްތިސާދީ ފުރުސަތުތައް ފުޅާވެ، ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެކަމަށް އޭނަ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއެރުވުމަށް ވެސް އެހީތެރިކަން ލިބިގެންދާނެކަމަށް ފާރިސް ވިދާޅުވިއެވެ.
ރާއްޖެއަކީ މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއް ނަމަވެސް، ރާއްޖޭގެ އިގްތިސާދު ބޮޑަށް ބަރޯސާވެފައި ވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށެވެ. ދާދި ފަހުން އިގްތިސާދީ ދުވެލި ދަށްވެ، ސަރުކާރުގެ ހަރަދުތަކާއި ދަރަނީގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ. އިގްތިސާދީ މުހިންމު މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އިގްތިސާދީ ކުރިއެރުން ވަރުގަދަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
ސަރުކާރުގެ ވިސްނުން ހުރީ، މިހާރު ވެސް ލަސްވެފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް އަވަސްކޮށް، ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާއި ހުނަރާއި ވަޒީފާގެ ދަތިކަމާއި ގުދުރަތީ ވަސީލަތްތައް މަދުވުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވާދަކުރަން ޖެހުން ފަދަ ދަތި އަދި ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ސުހައިލް ކާސިމް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް ދިވެހި ސަރުކާރުން ފުޅާ ދާއިރާއެއްގައި ޕްރޮގްރާމެއް ހިންގަމުން އަންނައިރު، ގާނޫނީ އިސްލާހުތަކެއް ގެނެސް، މާލީ ވަސީލަތްތަކާއި ސަރުކާރުގެ ޕްރޮކިއުމަންޓް ފުރުސަތުތައް ތަނަވަސްކޮށްދީގެން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާކުރުމަށް އިސްކަން ދޭކަމަށެވެ. މި މަޝްރޫއުގެ ސަބަބުން، މުޅި އިގްތިސާދީ ކުރިއެރުމާއި ވާދަވެރިކަން އަލުން ކޮޅަށް ޖެހުމަށްޓަކައި ނުހަނު ބޮޑަށް ބޭނުންވެފައިވާ މި މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެކަމަށް އޭނަ ވިދާޅުވިއެވެ.
މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.