މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ 8:30 ގައި ޖައްސާފައިވާއިރު، ބޯޓަށް މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓަރ ސެލިއުޓްއަކުންނެވެ. ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި، 57 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.

ބަޓިކް އެއާއިން ދިވެހިރާއްޖެއާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވާނެއެވެ. މިދަތުތައް ރާވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި އަދި ސިދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގައެވެ. ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު ފަށާނެއެވެ.

މީގެކުރިން މަލިންޑޯ އެއަރގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއަރލައިން ބަޓިކް އެއަރއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެއަރލައިންވަނީ ހާއްސަ ޕްރޮމޯޝަންތަކާއި އެކު ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.

ބަޓިކް އެއަރ އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އެގޮތުން މިމަންޒިލްތަކުން ރައްޖެއަށް ފަސޭހަކަމާއި އެކު ދަތުރުވެރިންނަށް އައުމުގެ މަގު ފަހިވެގެންދާނެއެވެ. ރާއްޖެއަށް ދަތުރުކުރާ އެއަރެލައިންތައް އިތުރުވެގެން ދިޔުމަކި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެކެވެ.

ބަޓިކް އެއަރގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް މިއަހަރު ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފަށާނެކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.