ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަނުގެ މެޗްޑޭ 2 ގައި ކުޅުނު މެޗުތަކުން ގޮއިދޫ އާއި ދޮންފަނުގެ ކަނބަލުން ފުރިހަމަ މޮޅެއް ހޯދައި މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ދަރަވަންދޫ ފުޓްސަލް ދަނޑުގައި ގޮއިދޫ އިން ވަނީ އޭދަފުށި އަތުން ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗު ގޮއިދޫއިން ކާމިޔާބުކުރީ 0-6 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގޮއިދޫ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރާއި، މައީޝާ އަބްދުލް ހަންނާނުގެ އިތުރުން ޝާނިޔާ އަހްމަދު ނިޒާމް އަދި މަރިޔަމް ނަޒާހަތެވެ. މެޗުގައި މައީޝާ ދެ ލަނޑު ކާމިޔާބުކުރިއިރު ގޮއިދޫއިން މެޗުގައި ކާމިޔާބުކުރި އެއް ލަނޑަކީ، އޭދަފުށީގެ އައިމިނަތު ޝިފާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގޮއިދޫއަށް މެޗުގައި ދެ ލަނޑު ޖަހައިދިނުމުގެ އިތުރުން މެޗުގައި މޮޅު ކުޅުމެއް ދެއްކި މައީޝާ އެވެ.

އޭދަފުއްޓާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

އަންހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ފެނިގެންދިޔަ ދޮންފަނާއި ކެންދޫގެ ކަނބަލުންގެ ކުރިމަތިލުމުން ކުރިހޯދީ ދޮންފަނުގެ ކަނބަލުންނެވެ.

މި މެޗު ދޮންފަނުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ދޮންފަނާއި ކެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މެޗުގައި ދޮންފަނު ޓީމުން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްދީ އައިމިނަތު ފަޒްލާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ފަޒްލާ އެވެ.

މި މެޗުތަކާއެކު އަންހެން ޑިވިޝަނުގައި މިހާތަނަށް މެޗެއް ނުކުޅެ އޮތް ދެ ޓީމަކީ ގްރޫޕް ބީގެ ކިހާދޫ އާއި މާޅޮސްއެވެ. އެ ގުރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ އޭދަފުށީގެ މައްޗަށް ކުރިހޯދި ގޮއިދޫއެވެ.

ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި އޮތީ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ރޭ ހިތާދޫގެ މައްޗަށް 0-6 އިން ކުރިހޯދި ދަރަވަންދޫއެވެ. ދެވަނައިގައި ދޮންފަނު އޮތްއިރު ތިންވަނައިގައި އޮތީ ކެންދޫއެވެ. ލަނޑުގެ ތަފާތުން ތާވަލުގެ ފުލުގައި އޮތީ ހިތާދޫއެވެ.

އަންހެން ޑިވިޝަނުގައި އާދިއްތަ ދުވަހު ވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިތާދޫއާއި ކެންދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކިހާދޫއާއި މާޅޮސްއެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާއެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.